Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ދަނޑުވެރިކަމާއި މަސްވެރިކަމުގައި ގޮންޖެހުންތަކެއް އެބަހުރި

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ނެގުމަށްފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ރާއްޖެއަށް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ތުރުކީގައި ބޭއްވި "ޒީރޯ ވޭސްޓް ފޯރަމް" ގައި ދެއްވި ބަޔާނުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ގައި ކުރެއްވި ދަތުރަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއްގެ ފެށުންކަމަށާއި، އެ ތާރީޚީ ދަތުރުފުޅާއެކު ސޮއިކުރެވުނު "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް"ގެ ސަބަބުން، ރާއްޖޭގެ މަތީ ފަންތީގެ ކަނޑުމަހުގެ އުފެއްދުންތަކަށް ތުރުކީގެ ބާޒާރުން އައު ފުރުޞަތުތަކެއް ވަނީ ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ނެގުމަށް ފަހު ގެއްލުންވާ މިންވަރު މަދުކުރުމުގައި ރާއްޖެއަށް ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށެވެ.

"އަޅުގަނޑުމެންގެ އުފެއްދުންތެރިކަން މުޅި ރާއްޖެއަށް ފެތުރިފައިވާއިރު، މައިގަނޑު މާކެޓްތައް ހުންނަނީ މީހުން ގިނަ ސަރަޙައްދުތަކާއި ރިސޯޓުތަކުގައި"، އޭނަ ވިދާޅުވި އެވެ. "ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން، ތަކެތި އުފުލުމާއި ރައްކާކުރުމުގެ ތެރޭގައި ތަކެތި ހަލާކުވުމުގެ ފުރުޞަތު ބޮޑު."

އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިކަމުގައި އުންމީދީ ކުރިއެރުންތަކެއް ލިބެމުން އަންނަ ފާހަގަ ކުރައްވައި މިނިސްޓަރު، ވިދާޅުވީ ޖަޕާން ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ފަރުމާކުރެވުނު "އެގްރި ބޯޓު" އަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރާ، ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ގެނެވުނު އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި ފިނިކޮށް އަދި ހިކިކޮށް ތަކެތި ރައްކާކުރެވޭނެ އިންތިޒާމު މި އުޅަނދުގައި ހުރުމުގެ ސަބަބުން، ތަކެތި ހަލާކުވުން މަދުވެ، ދަނޑުވެރިންނަށް މާކެޓަށް ވާސިލުވުމަށް ބޮޑު ފަސޭހައެއް ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާގައި، ދުނިޔެ ބަލައިގަންނަ ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަކީ ރާއްޖޭގެ ފަޚުރުވެރިވާ ނަމޫނާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްދޯނިފަހަރުގައި މަސް ގެންގުޅޭ ގޮތްތައް ޒަމާނީކޮށް، ފިނިކުރާ ނިޒާމުތައް ޤާއިމުކޮށް، އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މަހުގެ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމުތައް ދަނީ ހަރުދަނާކުރަމުން ކަމަށާއި، މީގެ ސަބަބުން މަސް ހަލާކުވުން މަދުވެ، އޭގެ ފެންވަރު ހިފެހެއްޓި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާ ކަމަށް ވިދާޅުވިއެވެ.

ޝިިޔާމު ކުރިއެރުންތަކާ އެކު ވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ކާބޯތަކެތީގެ ކުނި ކަމަށާއި ރިސޯޓުތަކުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ލިބޭ ކާބޯތަކެތީގެ 31 އިންސައްތަ ކުނީގެ ގޮތުގައި އުކާލެވޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، "ޤައުމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސިޔާސަތު" ގެ ދަށުން ކާބޯތަކެތި އިސްރާފުވުން މަދުކުރުމަށް އެފްއޭއޯ އާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިކަމުގައި ކާމިޔާބީ ހޯދުމަށްޓަކައި ހަތަރު މައިގަނޑު އަސާސަކަށް ތާއީދުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އުމްރާނީ ތަރައްޤީ، މަސައްކަތުގެ ހަރުދަނާ އުޞޫލުތައް، ވަރުގަދަ މާކެޓް ގުޅުންތައް އަދި އެކަށީގެންވާ ސިޔާސަތުތައް. ޑިޖިޓަލް ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބޯތަކެތީގެ ސަޕްލައި ޗެއިން މިއަށްވުރެ ހަރުދަނާކުރެވި ދާނެ." ޝިޔާމު ވިދާޅުވި އެވެ.

އުފެއްދުންތައް ގެއްލުންވުން މަދުކުރުމަކީ ހަމައެކަނި ކާބޯތަކެތި ސަލާމަތްކުރުމެއް ނޫންކަން ފާހަގަ ކުރައްވާ އޭނަ ވިދާޅުވީ އެއީ އޭގެ އިޤްތިޞާދީ އަގު އިތުރުކުރުން ކަމަށެވެ. އަދި ފިނިކުރާ ގުދަންތަކާއި، ރާއްޖޭގައި ތަކެތި ބަންދުކޮށް ޕްރޮސެސްކުރާ ނިޒާމުތައް ފުޅާކުރުމުގެ ބޭނުމަކީ، ލިބޭ މަންފާ ޤައުމުގައި ހިފަހައްޓައި، ހުރިހާ ރަށަކަށް އޭގެ މަންފާ ހަމަހަމައަށް ފޯރުކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.

ވަޒީރުގެ ބަޔާން ނިންމާލައްވަމުން ހަމައެކަނި އުމްރާނީ ވަސީލަތްތަކަކުން މިކަން ޙައްލެއް ނުވާނެ ކަމަށާއި. ސަރުކާރާއި، އަމިއްލަ ދާއިރާ އާއި، ދިރާސާކުރާ ފަރާތްތަކާއި، އަދި ދަނޑުވެރިންނާއި މަސްވެރިންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކުދި ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ ޢިލްމާއި، މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ފޯރުކޮށް ދޭން ޖެހޭ ކަމަށާއި މިއީ ރާއްޖޭގެ އެންމެންގެ ފަރުދީ އަދި ޖަމާޢީ ޒިންމާ ކަމަށް، ވެސް ވިދާޅުވިއެވެ.