އެކި ކަހަލަ ތަފާތު ރޯލުތައް ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު އެ ކަހަލަ ރޯލުތައް ލިބޭލެއް ވަރަށް މަދު ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ބުނީ އަބަދު 'ގުޑް ގާއި' އެއްގެ ރޯލު ކުޅެން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ބަދަލުގައި ގްރޭ ޝޭޑްސް ރޯލުތަކާއި އަދި އެ ނޫން ވެސް އެކި ކަހަލަ ރޯލުތައް ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރިތިކް، 52، ބުނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ޑައިރެކްޝަނަށް ނުކުތް ފިލްމު ކަމަށްވާ 2009 ގެ 'ލަކް ބާއި ޗާންސް' ގެ ހާއްސަ ފެނިލުމެއްގައި ކުޅުނު އަލީ ޒައްފާރް ޚާން ކަހަލަ ރޯލަކަށް ވަރަށް އުންމީދު ކުރެވޭ ކަމަށެވެ.
ރިތިކް ބުނި ގޮތުގައި އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާމީ އޭނަގެ ހުނަރުތައް އެކި ގޮތްގޮތަށް ނެރެވޭ ކަހަލަ ރޯލުތައް ކުޅެން ލިބިގެން ކަމަށެވެ. އެހެންވެ އަބަދު ހީރޯއަކަށް ވާން ނުޖެހޭ ކަމަށާއި އެންޓި-ހީރޯ ރޯލުތަކުން މަޝްހޫރު އެތައް އެކްޓަރުންނެއް މީގެ ކުރިން ވެސް އެ މީހުންގެ ކުޅަދާނަކަން ދައްކުވައި ދީފައިވާ ކަމަށް ހުނަރުވެރި ބުންޏެވެ.
ރިތިކްގެ ކެރިއަރުގައި ވެސް ބައެއް ފިލްމުތަކުގައި އެންޓި-ހީރޯ ރޯލުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 2006 ގެ 'ދޫމް 2' އާއި 2022 ގެ 'ވިކްރަމް-ވޭދާ' ހިމެނެ އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2000 ވަނަ އަހަރުގެ 'ކަހޯ ނާ…ޕިޔާރު ހޭ' އިން ބޮލީވުޑަށް ތައާރަފުވި ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ވޯ 2' އެވެ. އެކަމަކު މި ވަގުތު އޭނަ އެއްވެސް ފިލްމެއްގެ މަސައްކަތެއް ކުރަމުންނެއް ނުދެ އެވެ.