Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

އޯޑަރުކުރި މެގަޒިން ލިބުނީ 19 އަހަރު ފަހުން!

ދަރިން ލިބުނު ދުވަސްވަރު އޯޑަރުކުރި ޕޭރެންޓިން މެގަޒިންއެއް 19 އަހަރު ފަހުން ލިބުމާ ގުޅިގެން އިނގިރޭސިވިލާތުގެ އާއިލާއަކަށް ބޮޑު ސިހުމެއް ލިބިއްޖެ އެވެ.

އޭގެ މަތިން ހަނދާން ވެސް ނެތިފައި ވަނިކޮށް 2007 ގައި އޯޑަރުކުރި 'މަދާ އެންޑް ބޭބީ' މެގަޒިން ރޯޔަލް މެއިލް މެދުވެރިކޮށް ޕޯސްޓުން ޗެސްޓާ އަށް ނިސްބަތްވާ ދެ ކުދިންގެ ބައްޕަ، ޕޯލް އެޑްވަޑްސް، 52، އަށް ލިބުނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ މެގަޒިން އޯޑަރުކުރި އިރު، ޕޯލްގެ އަލަތު އަންހެން ދަރިފުޅަށް ދޮޅު އަހަރެވެ. ފިރިހެން ދަރިފުޅު އުފަންވީ އޭގެ ތިން މަސް ފަހުންނެވެ. އެ ދެ ކުދިންގެ މިހާރުގެ އުމުރަށް ބަލާ އިރު އަންހެން ދަރިފުޅަށް 20 އަހަރެވެ. ފިރިހެން ދަރިފުޅަށް 18 އަހަރެވެ.

ދެ ކުދިން ވެސް އަންނަނީ ޔުނިވަސިޓީގައި ކިޔަވަމުންނެވެ.

ހުކުރު ދުވަހު މެގަޒިން ލިބުނު އިރު، އޭގައި ރޯޔަލް މެއިލް ދިގު ނޯޓިހެއް ވެސް ހިމަނައި ދިމާވި ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

"ޕޭރެންޓިން މެގަޒިންއަކަށް އޯޑަރުކުރީ ދަރިން ލިބުނު ދުވަސްވަރު ދަރިން ބެލުމުގެ ކަންކަމަށް އެހީއަކަށް. އެކަމަކު މި މެގަޒިންއަކުން މިހާރު އަހަރެން ހިފާނެ އެއްވެސް ބޭނުމެއް ނެތް. ދަރިން ބޮޑެތިވެގެން ހިނގައްޖެ،" ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެޑްވަޑްސް ބީބީސީ އަށް ބުންޏެވެ. "މި ދެން ޕޯސްޓް މެދުވެރިކޮށް ވިޔަސް އެއްޗެއް ގެއާ ހަމައަށް ފޯރަން ވެސް ބޮޑު ވަރެއް."

މިކަމާ ގުޅިގެން ރޯޔަލް މެއިލުން ބުނީ އެ މެގަޒިން އޯޑަރުކުރި ފަރާތާ ހަމަައަށް ނުފޯރައި އެހާ ބޮޑަށް ދިގުލައިގެން ދިޔައީ ޕޯސްޓަލް ސިސްޓަމުން އެ ޕާރުސަލް ކޮންމެވެސް މީހެއްގެ ސަބަބުން އެއްފަރާތްކޮށްލެވިފައި އޮތުމުން ކަމަށެވެ. އަދި އެތަނުން ކޮންމެ ދުވަހަކު ވެސް ޑެލިވަރީ އޮފީސްތަކާއި ޕޯސްޓް މެޝިންތައް ޗެކްކުރާ ކަމަށް ބުންޏެވެ.

އެޑްވަޑްސް އަށް ކުރަން ޖެހުނު ތަޖުރިބާގެ ވާހަކަ އެކްސްގައި ހިއްސާ ކުރުމުން އެ ޕޯސްޓަށް 1.5 މިލިއަން ވިއުސް އާއި 60،000 ލައިކްސް ލިބިފައިވެ އެވެ. އަދި އެ ޕޯސްޓަށް ގިނަ ބަޔަކު އެ މީހުންގެ އަމިއްލަ މިފަދަ ތަޖުރިބާތައް ވެސް ހިއްސާކޮށްފައިވެ އެވެ.