Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ ދަރަނި 90 ބިލިއަނަށް އަރާފާނެ: ޔާމީން

ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 90 ބިލިއަން ރުފިޔާއަށް އިތުރުވެދާނެކަމުގެ ބިރު އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ސަރުކާރުން ގިނަ ހޭދަތަކެއް ކުރިޔަސް، އޮއްޓަރެއް ހުރި ނަތީޖާއެއް ނިކުންނާނެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު މިހާރު އޮތް ގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަދި ކުރިއަށް އެބައޮތް ދެ އަހަރު [ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި] ހުންނަވައިފި ނަމަ މި އަދަދު ހަމަ އެކަށީގެންވޭ 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން،" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ. "މި ސަރުކާރުން ކުރާކަމަކީ ހޭދަ. އެކި ނަންނަމުގަ ހޭދަކުރަނީ. އޭގައިން އޮއްޓަރު ހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް ނުކުރޭ."

އެ މަނިކުފާނު ވިދާޅުވީ މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން އެކަނި ވެސް 57 ބިލިއަން ނުވަތަ 60،000 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަކަށް ދަރަނި އުފައްދާފައިވާ ކަމަށެވެ. އެހެންވެ މީގެ ކުރީ ސަރުކާރުތަކުން އުފައްދާފައިވާ ދަރަންޏޭ ކިޔައިގެން، ދަރަނީގެ ޒިންމާއިން ރެކިވަޑައިގަތުމަށް ރައީސް މުއިއްޒު އިތުރަށް ދައްކަވާނެ ވާހަކަފުޅެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.