އިމާރާތްކުރުމުގެ ޤާނޫނާއި ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
މި މަހުގެ 11 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ކ، ވ، އދ، އއ، ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތް ކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. އެގޮތުން އިމާރާތް ކުރުމުގެ ހުއްދަ ނެގުމާއި، ކުރެހުންތައް ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާ ބެހޭ މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ދޭނެ އެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނޭ ގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ވެސް ބައިވެރިންނަށް ދޭނެ އެވެ.
މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމުން އިމާރާތް ކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ހޭލުންތެރި ކުރުވުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޕްރޮގްރާމެކެވެ.