ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކްރެޑިޓް ރޭޓިން ދީފި އެވެ.
މިކަމާ ގުޅިގެން ގައުމީ ބޭންކުން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ އިތުރުން، ދިވެހި އިގުތިސާދުގައި ބީއެމްއެލް އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ފިޗުން ވަނީ ބީއެމްއެލްގެ "ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިން އަށް "ސްޓޭބަލް" އައުޓްލުކް އާއެކު "ސީސީސީ-" އެއް ދީފަ އެވެ. މީގެ އިތުރުން، އެ ބޭންކުގެ "ލޯކަލް ކަރަންސީ ލޯންގް-ޓާމް" އަށް "ސީސީސީ+" އެއް ދީފައިވެ އެވެ.
މިއީ ދައުލަތުގެ ރޭޓިން އަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިކަމުން ރަމްޒުކޮށް ދެނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަމާއި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރު ކަމަށެވެ. މި ކުރިއެރުން އައިސްފައި ވަނީ، މި މަހުގެ 3، ގައި ރާއްޖޭގެ "ސޮވްރިން ލޯންގް-ޓާމް ފޮރިން ކަރަންސީ" ރޭޓިން "ސީސީ" އިން "ސީސީސީ-" އަށް ފިޗުން މަތިކުރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
ރާއްޖޭގެ ރޭޓިން މަތިކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، އަދި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެކަމުގެ ބިރު ކުޑަވުމާ ގުޅިގެންނެވެ.
ބީއެމްއެލުން ބުނީ ބޭންކްތަކުގެ ރޭޓިން ކަނޑައެޅުމުގައި ދައުލަތުގެ ރޭޓިންއަށް ބަލަން ޖެހޭތީ، ބީއެމްއެލްގެ ރޭޓިން އަށް ވެސް އޭގެ އަސަރު ފޯރާ ކަމަށާއި ނަމަވެސް، ލޯކަލް ކަރަންސީ ރޭޓިން ދައުލަތަށް ވުރެ ދެ ދަރަޖަ މަތީގައި ހުރުމުން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަން ކަމަށެވެ.
ބޭންކުން ބުނީ ރާއްޖޭގެ ބޭންކިން ދާއިރާގައި ބީއެމްއެލް އޮތް މަގާމާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ އެ ބޭންކުގެ ޚިދުމަތްތަކާއި، ލިބޭ ހަރުދަނާ ފައިދާއާއި، ވާދަވެރި މާހައުލެއްގައި އޮތް ކުރިއެރުން ފިޗުން ފާހަގަކޮށްފައިވާ ކަމަށެވެ.އަދި ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން ގައުމީ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ތަނބު ކަމަށް ވެސް ބުންވެ.
މީގެ އިތުރުން، ބޭންކުގެ ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަމާއި އަމިއްލައަށް ރައުސުލްމާލު އުފެއްދުމުގެ ގާބިލުކަމުގެ ސަބަބުން، ބޭންކުގެ ކެޕިޓަލް ހުރި މިންވަރަކީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފިޗުން ފާހަގަކުރާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އެ ބޭންކްގެ ސީއީއޯ/އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ ޕިޗްގެ ރޭޓިންގެ ސަބަބުން ބޭންކުގެ ކުރިއެރުން ދަމަހައްޓަމުން، އަމިއްލަ ގާބިލުކަމުގައި ރައުސުލްމާލު އިތުރުކުރުމުގެ ފުރުސަތު ބޭންކަށް އޮތްކަން ހާމަވާ ކަމަށެވެ. އަދި ދައުލަތުގެ ރޭޓިން މަތިވުމާއި ބީއެމްއެލް އަށް މި ލިބުނު ރޭޓިން އަކީ، ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ގައުމުގެ އެންމެ ބޮޑު ބޭންކުގެ ވަރުގަދަކަން ބައިނަލްއަގުވާމީ ދުނިޔެ އިން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.