އެކްޓަރު އަޔޫޝްމަން ކްރާނާ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު 'އަންދާދުން' ކުޅެން ލިބުނު ކަމަށް އެކްޓަރު ވަރޫން ދަވަން ބުނެފި އެވެ.
މި މަހުގެ 5 ގައި ރިލީޒްކުރި އޭނަގެ އާ ފިލްމު ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ ގެ ޕްރޮމޯޝަންގެ ތެރެއިން ޔޫޓިއުބާ ތަންމ ބަޓް އަށް ދިން އިންޓަވިއުއެއްގައި ވަރޫން ޑައިރެކްޓަރު ސްރީރާމް ރަވްގަން 2018 ގައި ގެނެސްދިން ކޮމެޑީ ކްރައިމް ތުރިލާގެ ލީޑް ރޯލު އެންމެ ފުރަތަމަ ހުށަހެޅީ އޭނަ އާއި ކަންގަނާ ރަނާވަތަށް ކަމަށެވެ.
އެކަމަކު އެ ފިލްމު ކުޅޭނެ ފުރުސަތު ނުލިބުނީ އޭގެ މަސައްކަތް ޑައިރެކްޓަރު ކުރި ދުވަސްވަރު، އެހެން ފިލްމެއްގެ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން ކަމަށެވެ. އެހެންވެ 'އަންދާދުން' އަކީ އަތުން ދޫވި ވަރަށް ވެސް މޮޅު ފިލްމެއް ކަމަށް ވަރޫން ބުންޏެވެ.
'އަންދާދުން' ކުޅެން ލިބުމުގެ ކުރިން އޭގެ ޑައިރެކްޓަރު ސްރީރާމްގެ އެހެން ފިލްމެއްގައި ވެސް ވަރޫން މަސައްކަތްކުރި އެވެ. އެއީ 2015 ގެ ކްރައިމް ތުރިލާ 'ބަދުލާޕޫރް' އެވެ. އެ ފިލްމަކީ ވަރޫންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
'އަންދާދުން' އިން އަޔޫޝްމަން އަށް މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނީ އޭގައި ކުޅުނު ލޯ އަނދިރި މީހަކަށް ހެދިގެން އުޅޭ މީހެއްގެ ރޯލުން ދެއްކި މޮޅު އެކްޓިންއިންނެވެ. އެ ފިލްމަށް އިތުރު ދެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ. އެއީ އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑެވެ.
'އަންދާދުން' ގެ ކާސްޓްގައި އަޔޫޝްމަނާ އެކު ތައްބޫ އާއި ރާދިކާ އަޕްޓޭ ވެސް ހިމެނެ އެވެ.
މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ތެލެގޫ، ތަމަޅަ އަދި މަލަޔާޅަމް ވާޝަންތަކެއް ވެސް ހަދާފައިވެ އެވެ.