ހދ. މަކުނުދޫގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
މަކުނުދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބިގް ފިޝް މޯލްޑިވްސްއާ ޙަވާލުކޮށްގެން ކޮށްފައި ވަނީ 2023 ގަ އެވެ. އެގޮތުން އެއާޕޯޓު ތަރައްގީ ކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓް ވެސް ޖަހައިފަ އެވެ.
އެމްޓިސީސީއިން ބުނީ މަކުނުދޫ އެއާޕޯޓް އެޅުމުގެ މަސައްކަތުގެ ދަށުން ސައިޓް ސެޓަޕް ހެދުމާއި ފަޔަ ސްޓޭޝަން އަޅައި ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މަކުނުދޫގައި ހަދަން ފުރަތަމަ ނިންމީ 1،500 މީޓަރުގެ ރަންވޭއެއްގެ އެއާޕޯޓެއް ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭ 1،800 މީޓަރަށް ބޮޑު ކުރަން މި ސަރުކާރުން ނިންމީ 2024 ގަ އެވެ.
މަކުނުދޫ އެއާޕޯޓް ނިންމުމަށް ފަހު އޮޕަރޭޓް ކުރަން ހަވާލު ކުރަން ނިންމާފައި އޮތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.
ހދ. އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް އެބައޮތެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ.