ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 19 މީހަކު މަރުވެއްޖެ އެވެ.
ސުނާމީގެ އިންޒާރު ނެރެފި އެވެ.
އެ ގައުމުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން މަރުވި މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ އިރު، ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި 130 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
މި ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓިފައިވެ އެވެ.
ފިލިފީންސްގެ ގަޑިން މިއަދު ހެނދުނު 7:37 ގައި ރިކްޓާ މިންގަނޑުން 8.1 ބާރުމިނުގައި ބިންހެލުން އައީ އެ ގައުމުގެ ދެކުނުގެ މައި ރަށް ކަމަށްވާ މިންޑަނާއޯގައި އޮންނަ ޖެނެރަލް ސަންޓޯސް ސިޓީގެ އައްސޭރިފަށަށެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ފިލިޕީންސްގެ އިތުރުން ޖަޕާނާއި އިންޑޮނީޝިއާ އިން ނެރުނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލިޕީންސަށް ރިކްޓާ މިންގަނޑުން 6.9 ބާރުމިނުގައި އައި ބިންހެލުމެއްގައި 70 އަށް ވުރެ މީހުން މަރުވެފައިވެ އެވެ.