Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އުތުރު ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ އަބްދުﷲ ސޯދިގް (ސޯބެ) އަށް ޖުމްލަ 1،375 ވޯޓް ލިބުނު އިރު، އެއީ ވޯޓްލީ މީހުންގެ 51.15 ޕަސެންޓެވެ. އޭނައާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ޖުމްލަ 1،313 ވޯޓް ލިބުނު އިރު، އެއީ ވޯޓްލީ މީހުންގެ 48.85 ޕަސެންޓެވެ.

ބައި-އިލެކްޝަންގައި ވޯޓްލުމުުގެ ހައްގު ޖުމްލަ 4،121 ލިބުނު އިރު، ވޯޓްލީ 2،730 މީހުންނެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 66.25 ޕަސެންޓެވެ.

ޖުމްލަ 7 ވޯޓްފޮށި ބެހެއްޓި، ބައި-އިލެކްޝަންގައި ބާތިލު ވޯޓްގެ ގޮތުގައި ހިމެނެނީ 42 ވޯޓެވެ. މި ވޯޓަށް އައްޑޫގައި 5 ފޮށި އަދި މާލޭގައި ދެ ވޯޓްފޮށި ބެހެއްޓި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ ކުރިން މެންބަރަކަށް ހުންނެވީ ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.