ފިލްމު ކުޅުން ހުއްޓާލައިގެން ހުރި ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެނބުރި އެކްޓިން އަށް ނުކުންނަން ނިންމައި 'ޕާޓީ' އަށް ސޮއިކޮށްފި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އަށް ކުރިއަށް އޮތް ފިލްމެކެވެ. މީގެ މަސައްކަތް ކުރިއަށްދާތާ ދުވަސްތަކެއްވެފައި ވަނިކޮދް އިއްލެ މިއަދު ވަނީ ޕާޓީ އަށް ނިއުމާ ސޮއިކުރިކަން ކަށަވަރުކޮށް ދީފަ އެވެ. އަދި ނިއުމާ ވެސް އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ނިއުމާ 'ޕާޓީ' އަށް ސޮއިކުރި އިރު، މީގެ އެހެން ކާސްޓުންނަކީ ކޮބައިކަން މި ފިލްމު އުފައްދާ އިއްލެގެ އައި ފިލްމްސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
'ޕާޓީ' ގެ ނަމުގައި ފިލްމެއް ހަދާކަން އޭނަ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މީގެ ޑައިރެކްޓަރު އިއްލެގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ލޯބިން' އެވެ. އޭނަ އަކީ 'ނީނާ' އާއި 'ބަވަތި' ގެ ވެސް ޑައިރެކްޓަރެވެ.
ނިއުމާ، 48، އަލުން ފިލްމަކަށް ސޮއިކުރި އިރު، އޭނަގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދިނީ މޫމިން ފުއާދު ޑައިރެކްޓްކުރި 2019 ގެ 'ނިވައިރޯޅި' އެވެ. އެއީ ނިއުމާ ޕްރޮޑިއުސް ވެސް ކުރި ފިލްމެކެވެ.