ފިނޭންސް މިނިސްޓަރަކަށް ޙަސަން ޒަރީރު އައްޔަންކޮށްފި އެވެ.
އޭނަ އަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.
އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޒަރީރު ވަނީ ސޮއިކުރައްވާފަ އެވެ.
އޭނަ ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒަރީރަކީ ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނަ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ، (އައިއައިޔޫއެމް) އިން ބެޗްލާ އޮފް އެކައުންޓިންގެ އިތުރުން މާސްޓާ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވައިފަ އެވެ.