އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިހާބާބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޗެއާޕާސަނަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވެފައިވާތީ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައި ވަނީ ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ކޮމިޓީގެ އެ ނިންމުމާ ޚިލާފަށް ބައެއް ރަށްރަށުގައި ހަރުގޭގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގޮތަށް ކޮމިޓީގެ ނިންމުމާ ޚިލާފަށް ހަރުގޭގައި އިންތިޚާބު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވާ ރަށްތަކަކީ، ފ. ފީއަލި، ލ. އިސްދޫ ދާއިރާގެ އިސްދޫ އަދި ކަލައިދޫ ގއ. ވިލިނގިލި ދާއިރާގެ ވިލިނގިލި އަދި ލ. ގަމު ދާއިރާގެ މަތިމަރަދޫއެވެ.
މީކާއީލް ވިދާޅުވީ މި އިންތިހާބުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ވީހާވެސް އިންސާފުވެރިކޮށް އަދި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމުގެ މަގުސަދުގައި ނިންމާފައިވާ މިފަދަ މުހިންމު ނިންމުންތަކާއި ހިލާފަށް އަދި މުޅި ރާއްޖޭގެ އެތައް ރަށެއްގައި އެތައް ވޯޓު ފޮއްޓެއް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް މަދަރުސާތަކުގައި ބެހެއްޓުމަށް ނިންމާފައިވަނިކޮށް ބައެއް ރަށްރަށުގައި މަގުބޫލު ސަބަބެއްނެތި ކޮމެޓީގެ ނިންމުމާއި ހިލާފަށް ފޮށި ބެހެއްޓުމަށް ނިންމާފައިވުމަކީ މިކަމާއިމެދު ކަންބޮޑުވާ އަދި ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ކެމްޕެއިންގައި ފ. ފީއައްޔަށް ކުރި ދަތުރުގައި އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުން ފާޅުގައި ބުނެފައިވަނީ ވޯޓްފޮއްޓަށް ގަނޑުކޮށް ވޯޓް އަޅާނެކަމަށެވެ،" މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މީކާއީލް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުން އެހެން ބުނެފައި އޮއްވާ ވޯޓުލާ މަރުކަޒު މިގޮތަށް ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ބުނުމެއް ކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަށް އިސްލާހުކޮށް ބަދަލުކުރުމަށްވެސް މީކާއީލް އެދިވަޑައިގެންފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ހުކުރު ދުވަހު އެވެ.