ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ އަބްދުالله ސޯދިގު (ސޯބެ) ގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ސްޓެލްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ވަޒީފާއިން ވަކިކުރި މީހަކީ ސޯބެގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވީ މަހުފޫޒު ހުސްނީ އެވެ. ސްޓެލްކޯގައި އަދާކުރަމުންދިޔަ ވަޒީފާއިން މަހުފޫޒު ވަކިކުރީ މިއަދު އެވެ.

މަހުފޫޒް ވަކިކުރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން ބާރުއަޅާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާއާ ހަވާލާދީ އެވެ.
ސަރުކާރުން ޚަރަދު ކުޑަކުރަން އަޅަން ފަށާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އަލަށް ވަޒީފާއަށް އިތުރު މުވައްޒަފުން ނުނެގުމަށާއި މުސާރައިގެ ކުރިއެރުން މިވަގުތަށް ނުދިނުމަށް ވަނީ އަންގާފަ އެވެ. އަދި މުވައްޒަފުން ކޮންމެހެން ދަތުރުކުރަން ޖެހޭ ހާލަތުގައި ފިޔަވައި އެހެން ހާލަތެއްގައި ދަތުރުތައް މެދުކަނޑާލުމާއި އަދި ކުންފުނި ހިންގުމުގައި އިދާރީގޮތުން ޚަރަދު ކުޑަކުރުމަށް ގެނެވޭނެ ބަދަލުތައް ގެނައުމަށް ޕީސީބީން ކުންފުނިތަކަށް ވަނީ ލަފާދީފައެވެ.