އެމްޑީޕީގެ އެތެރެއިން އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމްގެ ކެމްޕޭނުގެ ތެރެއިން މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން ސޯލިހު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ބައެއް ސަބަބުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީއާއެކު މަސައްކަތް ކުރާނަމަ ވަކި ކަންތައްތަކެއް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ޝަރުތުތަކެއް ކުރި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން އިއުލާންކުރުމާއި، ރައީސްކަމުގެ ހުވާކުރުމުގެ ކުރިން އެ ވޯޓު ނެގުމަށް ޝަރުތުކުރި ކަމަށް ސޯލިހު ވިދާޅުވި އެވެ.
އަދި ކެބިނެޓުން ތިން ވަޒީރަކު ވަކިކުރުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި އޭގެތެރޭގައި މިހާރު ނަޝީދުގެ ކެމްޕޭނުގައި އުޅުއްވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވާ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް މި ހުރިހާ ކަމަކާއެކު ވެސް އިންތިހާބު ގެއްލުނު އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ބުރުން އެމްޑީޕީ ފެއިލްވުން ކަމަށާއި އެއީ ކެމްޕޭން ނުކުރެވިގެން ނުވަތަ އިދިކޮޅުން ދެއްކި ދޮގު ވާހަކަތަކަށް ރައްދު ނުދެވިގެން ވީ ކަމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރު ވަގަށް ނެގީއޭ، ކަނޑު ވިއްކާލީއޭ، އަދި މިތަނުގައި މިއޮތް ޕޮލިސް ޓްރެއިނިން ސެންޓަރުގެ ބިންގަރާހުގައި އެބަތިއްބޭ 2،000 އިންޑިއާ ސިފައިން. މުޅި ރާއްޖޭގައި އިންޑިއާ ސިފައިން ދުވަނީއޭ. ކެމްޕޭނެއް ތެރޭގައި ބޭފުޅަކު ވިދާޅުވީ ތިމަންނަ ހަނިމާދޫއަށް ދިޔައިރު މަގުމަތިން ވެސް ފެންނަނީ އިންޑިއާ ސިފައިންނޭ. މިއަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުދެވުނު،" ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން އިންތިހާބުގެ ކުރިން، އެމްޑީޕީއިން 39،000 މެމްބަރުން ވަކިކުރި ކަމަށް ބުނެ ނަޝީދުގެ ސަޕޯޓަރުން އޭރުން ދެއްކި ވާހަކަތަކަކީ ވެސް ތެދެއް ނޫންކަން މިއަދު ހާމަވާ ކަމަށާއި އެހެންކަމުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް އަޑުއަހައި، އެ ވާހަކަތަކުގެ ތެދާއި ދޮގު ޔަގީންކުރުމަށް ސޯލިހު އެދިވަޑައިގެންނެވި އެވެ.
އަދި 2023 ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް 2028 އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެން އެކީގައި ކުރިއަށް ދެވޭނެ އުސޫލުތަކަކާ އެކީގައި ދާންޖެހޭ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
"ޕާޓީ އެތެރޭގައި ވެސް މީހަކު ބާކީ ކުރެވިގެން ނުވާނެ. އަދި އަޅުގަނޑުމެންނަށް ތާއީދުކުރާ އެހެން މީހުން ވެސް އަޅުގަނޑުމެންނާ އޮންބޯޑު ކުރެވޭނެ ސިޔާސަތުތަކެއް ގެންގުޅޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވަގުތު އެކަން ކުރެވޭނެ ބޭފުޅަކީ މީކާއިލް ނަސީމް." ސޯލިހު ވިދާޅުވި އެވެ.