Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އޭއައިއޭގެ ބޯޑުން އަޒާން އިސްތިއުފާ ދެއްވައިފި

ސަރުކާރާއި މެދު ހިތްހަމަނުޖެހި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ (އޭއައިއޭ) ޗެއާޕާސަން އަޒާން އަހުމަދު ޒުހައިރު އިސްތިއުފާ ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އޭނާގެ ބައްޕަ، އަހުމަދު ޒުހެއިރު އަކީ އަބަދުވެސް އެމްޑީޕީއަށް އަށް ތާއީދުކުރާ މީހެއް ކަމަށާއި އެގޮތުން މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ޒުހެއިރު އައްޔަންކުރެވުނީ އޭވިއޭޝަން ދާއިރާގައި ހުރި ތަޖުރިބާއަށް ބަލައި، އިންޓަވިއު މަރުހަލާއެއްގެ ތެރެއިންނެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ކެމްޕޭން ހަރަކާތެއްގައި ބައްޕަ ބައިވެރިވެފައި ނުވާ ކަމަށާއި ބައްޕަ ބައިވެރިވީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ އަބްދުﷲ ސޯދިގު، ސޯބެގެ ހަރަކާތެއްގައި ކަމަށާއި އެއީ އާއިލީ ގުޅުމެއް އޮތުމުން ކަމަށް އަޒާން ވިދާޅުވި އެވެ. އަދި އެކަން 15 ދުވަސް ކުރިން މިނިސްޓްރީއަށް އެންގި ކަމަށްވެސް ވިދާޅުވި އެވެ.

މިހެން ކަންތައް ހުރި ނަމަވެސް، ސަރުކާރުގެ ތެރޭގައި ތިބި ބަޔަކު ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ބައްޕައަކީ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވެފައި، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މީހަކަށް ވާތީ، ބައްޕަ ވަކިކުރުމުގެ ބޭނުމުގައި މިއަދު އެ މަގާމު އުވާލާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވަނީ މިފަދަ ގޮތަކަށް ކަންކަން ކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން، އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއަރޕާސަންގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

ސޯބެގެ ކެމްޕެއިންގައި ހަރަކާތްތެރިވީ މީހުންނާއި އޭނާއަށް ތާއީދުކުރި މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަން ވަނީ ފަށައިފަ އެވެ.