ދައުލަތުގެ ކުންފުނިތައް ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭންގައި އުޅުނު ސަރުކާރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީ ގަބޫލުނުކުރާ މި ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް ކަމަށާއި އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް މި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައިވާ ކަމަށެވެ.
"އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތް ހުސްވުމުން. ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.