ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް މިއަދު ހަވީރަށް ތާވަލުކޮށްފި އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއަށް ހުކުމް ކުރުން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެ އެވެ.
ފުލުހުން މި މައްސަލައިގައި މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
މީގެއިތުރުން މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.