ރައީސް ޑރ. މުހައްމަދު މުއިއްޒު 'އިޝްގުގައި ބޭގަރާރު ވިޔަސް' ވަރިހަމަ ކަމަށާއި ނަމަވެސް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.
ގއ. ވިލިނގިލީގައި އިއްޔެ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ކަން ކުރައްވަމުން ގެންދަވަނީ އަނެއްކާވެސް ރާއްޖެ އިންގިލާބުގެ ފައްތަރަކަށް ގެންދަން ކަމަށާއި ކުރީގެ ރައީސް މައުމޫނަށް ވެސް އެ މަންޒަރު ފެނިވަޑައިގަތީ ވެރިކަން ނިމެން ގާތްވެ، 2007 ވަނަ އަހަރު ކަމަށެވެ. އެ ދުވަހުގެ ބިރުވެރިކަން މިއަދު ނެތް ކަމަށާއި އަސާސީ ހައްގުތައް ހިމާޔަތްކުރަން ބޭރަށް ނިކުންނަން ޒުވާނުން މިއަދު ތިބީ މާބޮޑަށް ވެސް ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޑރ. މުުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ ދިވެހިންނާ ތިޔަބޭފުޅުން ތިޔަ ކުޅުއްވަން އުޅޭ ގޮތަށް ނުކުޅެވޭނެކަން. މާ އަތްފުޅާކޮށްފައި އުޅުއްވާނެ ކަމެއް ނެތް. ފަސް ޕަސެންޓަށް ޑރ. މުއިއްޒު އަޅުގަނޑުމެން ތިރިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަކަށް އެކަން ކޮށްފިން. އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް. މިހާރު މި އަންނަނީ އަނެއް ބޭފުޅާ. ހަމަ ސީދާ އެއް ދަންތުރައެއްގައި ޖެހެން އެ ތައްޔާރުވެވަޑައިގަންނަވަނީ."
ނަޝީދު ވަނީ ރައީސް މުއިއްޒުގެ އަމަލުތައް ބަދަލުކޮށް ރަތް ރޮނގުތައް ހުރަސް ނުކުރެއްވުމަށް އެމަނިކުފާނަށް އިލްތިމާސްކުރައްވާފަ އެވެ.
"އިޝްގުގައި ބޭގަރާރުވެގެން އުޅުނަސް އަޅުގަނޑުމެންނަށް ވަރިހަމަ. އަޅުގަނޑުމެންގެ ހައްގުތަކަށް އަރައެއް ނުގަނެވޭނެ. އަޅުގަނޑުމެންގެ މިނިވަންކަމަށް، އަޅުގަނޑުމެންގެ ތަނަވަސްކަމަށް ހުރަހެއް ނޭޅޭނެ،" ނަޝީދު ވިދާޅުވި އެވެ.