Last Updated: May 2, 15:21
Thursday, May 2, 2024
ކޮލަމް

ކަޅު ސައިތައްޓަށް ކުރެވޭ އިންތިޒާރު

ކުޑަ ދަރިފުޅު ރޯން ފެށުމުން ކޮންމެ މަންމައަކުވެސް އޭނާގެ ތުއްތު ދަރިފުޅު ފެންވަރުވައިގެން ނަލަ ހައްދައިގެން ފަރިއަށް ހިނގާލަން ހަވީރު ނިކުތުމަކީ ދަރިފުޅުގެ އިތުރުން އެމަންމައަކަށް ލިބޭ އުފަލެކެވެ. މިއުފާވެރި ހިނދުކޮޅު ދަރިފުޅު ރޯން ފަށައިފިނަމަ މަންމަގެ ހިތަށް ފުން އަސަރުތަކެއް ކުރެއެވެ. އެހެންކަމުން އެފަދަ ކަމެއް ދިމާވެއްޖެނަމަ މަންމަ އަވަސްވެގަންނަނީ ދަރިފުޅުގެ ރުއިން ހުއްޓުވުމަށެވެ.

ދަރިފުޅު މަސަލަސް ކުރުމަށްޓަކައި ފަތް ކޮޅެއްގައި ގޮށެއް ޖަހާފައި އެފަތްކޮޅު ދަރިފުޅުގެ އަތަށް "މިއޮތީ" އޭ ކިޔާފައި ދިނުމުން ދަރިފުޅުގެ ރުއިން ގިނަފަހަރަށް ހުއްޓެއެވެ. އެއާއެކު މަންމަގެ އުފާވެރިކަން އިތުރުވެގެންދެއެވެ. ޒަމާނަށް އައިބަދަލާއެކު ވެސް ބަދަލު ނައަންނަ އެއްކަމަކީ ދަރިފުޅު ނަލަ ކުރަން ކުރާ މަސައްކަތުގައި ލޮލުގައި އަޅުވާ އަނދުނެވެ. ދަރިފުޅު ހުއްޓުވުމަށް ކުރާމަސައްކަތެވެ.

ހަވީރު ނިމުނު ގޮތަށް، ދަރިފުޅު އަތަށް ދިން ފަތްކޮޅު ހަލާކުވެގެންދަނީ އެދަރިފުޅުގެ ކަރުނަ އާއި އެކު ލޮލުގައި އެޅުވި އަނދުން ދޮވެވުނު މިސާލުގައެވެ. އަނެއް ދުވަހު ހަވީރު ވެސް މަންމައަށް ޖެހެނީ ކުރީ ދުވަހުގެ މަސައްކަތް ތަކުރާރުކޮށް ކުރާށެވެ. ކިތަންމެ ގިނައިން މިމަސައްކަތް ކުރަން ޖެހުނަސް މަންމަގެ ޝަކުވާއެއްނެތެވެ. އެހެނީ މަންމަގެ މިމަސައްކަތަކީ ދަރިފުޅަށް މާއްދީ ފައިދާ ތަކެއް ހޯދައި ދިނުމަށް ކުރާ މަސައްކަތަކަށް ނުވާތީއެވެ. އަދި މިމަސައްކަތަކީ އެމަންމައަށް ކުރަން އެހާ ބުރަ މަސައްކަތަކަށްވެސް ނުމެވާތީއެވެ.

2013 ވަނަ އަހަރު ފެށުމާއެކު ސިޔާސީ ހަވީރު މިއޮތީ ޖެހިފައެވެ. ސިޔާސީ މައިން އެމީހުންގެ ދަރީންނަށް އުފާވެރިކަން ހޯދައި ދިނުމުގެ ފޯވަހި މިއޮތީ ކުރިމަތިވެފައެވެ. ކުރީއަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު އަދި ފެންނަ މަންޒަރުތަކަށް ބަލާއިރު ދިވެހި ސިޔާސީ މައިންގެ "ކުޑަ ދަރިފުޅު" އައްޑޫ އަށް މިފަހަރުވެސް "މިއޮތީ" އޭ ވިދާޅުވެ ހިކި ފަތްކޮޅަކުން ހަދިޔާ ކޮށްލުން ފިޔަވައި މާބޮޑު ކަމެއް އޮތްހެނެއް ހީއެއް ނުވެއެވެ. މިއަހަރުވެސް ހުރިހާ ހެވަކާއި މޮޅެއް ލިބޭނީ ސިޔާސީ މައިންގެ ދޮށީ ދަރިފުޅު ބޮޑު ތިލަދުންމައްޗަށެވެ. ދޮށީ ދަރިފުޅަށް މެޓާ ލިބޭ ބީދައިންނެވެ.

ހާހާނުވަސަތޭކަ ފަސްދޮޅަހުގެ އަހަރު ތަކުގައި އައްޑޫ އަތޮޅު ގަމުގައި އިނގިރޭސިން ތިބި ތިބުމުން ގަމަކީ ދިވެހިރާއްޖޭގައި އޮތް އެންމެ އަގުބޮޑު ރަށްކަމަށް ބަދަލުވެގެން ދިޔައެވެ. ޔޫރަޕްގެ ނަމޫނާއާއި އޮތްގޮތަށް ފަރުމާކުރެވިގެން އެރަށް ބިނާކުރެވުނެވެ. ހަމަ އެއާއެކު އެދުވަސްވަރު އުދުހުނު އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސާ ވައިގެ ބަނދަރެއް ގަމުގައި ޤާއިމު ކުރިއެވެ.

1976 ވަނަ އަހަރުގެ މާރޗު މަހު 29 ވަނަ ދުވަހު ގަމުން އިނގިރޭސިން ފޭބުމުން، އޭރުގެ ސަރުކާރުން ކުރެއްވިހާވެސް ކަމަކީ ގަމުގައި ހުރި އަގުބޮޑު ތަކެތި މާލެ ގެންދެވުމެވެ. އައްޑޫ ރައްޔިތުންނަށް ލިބުނީ ބުރަމަސައްކަތެއް ކޮށްގެން ބަލަހައްޓާނެ ގަމުގެ ތޮށިގަނޑެވެ. 1978 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ޙަވާލުވެ ވަޑައިގެން އެމަނިކުފާނު އައްޑޫ ރައްޔިތުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށް ގިނަމަޝްރޫޢު ތަކެއް ރާއްވަވައި ހިންގެވިއެވެ.

އައްޑޫ ރައްޔިތުންގެ ހަނދާނުގައި ބިންވަޅު ނެގިފައިވާ ސިލްވަރ ލައިން އާއި ޖޭ.އެސް.އެމް ( މާމާ ) ފެކްޓަރީ ހުޅުވުނެވެ. އެހެންނަމަވެސް ކުޑަ ދަރިފުޅުގެ ލޮލުގައި އަޅުވާ އަނދުން ފޮހެވިދާ ބީދައިން އެކަން ވެސް ތާރީޚުގެ ތެރެއަށް ދިޔައީއެވެ.
އެއަށްފަހު ދެން އިވެންފެށީ އައްޑުއަށް ފަތުރުވެރިކަން ތަޢާރަފް ކުރާ ވާހަކައެވެ. ގަމުގައި އޮތް އެއަރޕޯޓް "އިންޓަރނޭޝަނަލް" ކުރާ ވާހަކައެވެ. ވަޒީފާ ތަކުގެ ވާހަކައެވެ.

30 އަހަރުގެ ދިގު ވެރިކަމުގެ ފަހު ދުވަސްކޮޅަކީ އައްޑޫ ގައި ރިސޯޓް ހެދުނު ދުވަސްކޮޅެވެ. ގަމުގެ އެއަރޕޯޓް ގައި "ބައިންލް އަޤްވާމީ ޓޭގް" ހަރު ކުރެވުނު ދުވަސްކޮޅެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަން ނިމި ހަތަރު އަހަރު ފުރިހަމަވެފައިވާއިރު ވެސް އަޑު އިވެނީ ގަމުގެ "ބައިނަލް އަޤްވާމީ" ވައިގެ ބަނަދަރު " އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލު ކުރަން މަސައްކަތް ކުރާ ވާހަކައެވެ. އެކި ފަރާތްތަކަށް ކުއްޔަށް ދީގެން ނޫނީ ސަރުކާރުން ގަމުގައި ބައިންލް އަޤްވާމީ ވައިގެ ބަނދަރެއް ހަދަން މަސައްކަތް ކުރާ ވާހަކައެވެ.

ހަމަ އެއާއެކު އައްޑޫގައި ފުރަތަމައަށް ހުޅުވި ހެރެތެރެ ރިސޯޓް ހިންގާނެ ފަރާތެއް ނުވެގެން ބިޑް ކުރާ ވާހަކައެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން އަތޮޅު ތަކުގެ ރައްޔިތުން އުފަލާއެކު ފާހަގަ ކުރަނީ އެއަތޮޅު ތަކުގައި ގިނަ ޢަދަދެއްގެ ރިސޯޓް ހެދި، އެކަމުގެ ފައިދާ ރަން ތިރީސް އަހަރު އެރައްޔިތުންނަށް ލިބުނުކަމެވެ.

ރައީސް މައުމޫނުގެ ވެރިކަމަށްފަހު ދެން އައީ ރައީސް ނަޝީދާއި ނާއިބު ރައީސް މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ރިޔާސަތުގެ ދުވަސްވަރެވެ. މި ދުވަސްވަރު ރާއްޖޭގައި ގިނަ ޢަދަދެއްގެ ޑޮމެސްޓިކް ވައިގެ ބަނދަރުތަކެއް ހެދުމުގެ މަސައްކަތް ފެށުނެވެ. ދަރަވަންދޫގައި އެއަރޕޯޓެއް ހުޅުވައި ރޭގަނޑާއި ދުވާލު އެރަށަށް ދަތުރު ކުރަން ފެށުނީއެވެ. ރޭގަނޑަށް ނުދިއްލުނަސް އައްޑޫ އާއި އިންވެ ޖެހިގެން އޮތް ފުވައްމުލަކުގައި އެއަރޕޯޓެއް ހަދައި ހުޅުވިތާ އަހަރު ނުވަނީސް ގއ. ކޫއްޑޫގައި އެއަރޕޯޓެއް ހުޅުވީއެވެ. ދެކުނަށް އޮތް ގދ. ކާޑެއްދޫގައި އޮތް އެއަރޕޯޓާއި އުތުރުގައި ލ.ކައްދޫ ގައި ވެސް އެއަރޕޯޓެއް އޮތްވައެވެ. އެހެން ނަމަވެސް އައްޑޫ ގެ ވައިގެ ބަނދަރު ދިގު ކުރުމަށް މަސައްކަތް ކުރާނެ ފައިސާއެއް ދިވެހި މާލިއްޔަތުގައި ނެތެވެ. ކޮންޓެރެކްޓަރ ފައިނޭންސް އުޞޫލުން އެކަން ކުރާނެ ކުންފުންޏެއް އުޑު ހިޔާ ދަށަކުވެސް އަދި އޮތްކަކަމެއް ގައިމެއްނޫނެވެ.

ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ސްލޯގަންތައް އިއުލާން ކުރައްވަމުން ކެމްޕޭން އިފްތިތާޙު ކުރައްވަމުން ގެންދަވާއިރު ހުރިހާ ކެންޑިޑޭޓުންގެ ވެސް އެންމެ ބޮޑު އެއްއަމާޒަކަށް ވާނީ އައްޑޫ ރައްޔިތުންގެ ވޯޓެވެ. އެރައްޔިތުންގެ ތާއިދެވެ. އެހެނީ ރައީސް މައުމޫން ވެރިކަމަށް ހޮވިވަޑައިގަތް ހަ ދައުރުގައިވެސް އައްޑޫ ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދެވިއެވެ. ރައީސް ނަޝީދު ވެރިކަމަށް ހޮވިވަޑައިގަތީވެސް އައްޑޫ ރައްޔިތުންގެ ބޮޑު ތާއިދާއެކުއެވެ. މިހާރުގެ ރައީސް މުޙައްމަދު ވަޙީދު ހަސަންމަނިކުވެސް ވިދާޅުވަނީ ތެދުފުޅެކެވެ. ރައީސް ނަޝީދަށް ވޯޓު ލެއްވުމަށް ފާހަގަލީ ކޮންމެ އައްޑޫ ރައްޔިތަކީ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ވޯޓު ދެއްވި މީހެކެވެ. އެހެންކަމުން ރައީސް ވަޙީދު ވެރިކަން ކުރައްވަނީ ވެސް އައްޑޫ ރައްޔިތުންގެ ވޯޓު ލިބިވަޑައިގެންނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިގާ ކަންތައްތަކަށް ބަލާއިރު ރައީސް ވަޙީދުގެ ކެބިނެޓްގައި ހުންނެވި އެންމެ މުރާލި އެންމެ ވަރުގަދަ އެއްވަޒީރަކީ އޮނަރަބަލް މުޙައްމަދު ނާޒިމެވެ. ރައީސް ވަޙީދު މެކުހަށް ޖައްސަވަން ޖެހޭ ކޮންމެ މަޝްރޫޢެއް ހަވާލު ކުރައްވަނީވެސް އެމަނިކުފާނާއެވެ. އެންމެ ފަހުން އެމަނިކުފާނާ ޙަވާލު ކުރައްވައިގެން ރައީސް ވަޙީދު މެކުހަށް ޖައްސަވާލެއްވި މަޝްރޫޢަކީ ހަނިމާދޫ ވައިގެ ބަނދަރު އިންޓަރނޭޝަންލް އެއަރޕޯޓަކަށް ހެއްދެވުމުގެ މަޝްރޫއެވެ. ޓްރާންސްޕޯޓް މިނިސްޓަރ ގެ މަސައްކަތް ޕުޅަށް އިތުރު ހަލުއިކަމެއް ގެނެސްދެއްވީ ޑިފެންސް މިނިސްޓަރ ގެ ނިންމެވުމަށް ސިފައިން އެއަރޕޯޓްގެ މަސައްކަތް ފަށައިގަތް ހިސާބުންނެވެ.

މިއަދު ޔަޤީންވާ ކަމަކީ ހުޅުލެ ނޫން އެހެންމަންޒިލަކުން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުރާ ފުރަތަމަ މަންޒިލަކީ ހަނިމާދޫ ކަމަށް ވާނެކަމެވެ. އެކަން ތާރީޚުގައި ލިޔެވޭނެކަމެވެ. ފެބްރުއަރީ 3 ޚާއްޞަވެފައިވަނީ އެކަމަށެވެ. ރައީސް ވަޙީދުގެ ވެރިކަމަށް އަހަރު ފުރޭ އިޙުތިފާލުތަކަށް ވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ މެހުމާނުންނަށް މޯލްޑިވިއަންގެ ފުލައިޓްގައި ހަނިމާދޫއަށް ވަޑައިގެންނެވޭ ފެންވަރަށް އެއޮތީ ހަނިމާދޫ ތައްޔާރުވެފައެވެެ.

ގަމުން މާލެ އަދި މާލެ ގަމަށް ދެކޮޅު ޓިކެޓް ގެ އަގަށްވާ ތިންހާސް ހަތަރުސަތޭކަ ސަވަންނަ ރުފިޔާ ( 3456ރ ) އަށްވުރެ ތިންސަތޭކަ ސަތާހިރުފިޔާ ސަޔާޅީސް ލާރި( 387.46ރ ) މަދު ތިންހާސް ފަސްދޮޅަސް އަށްރުފިޔާ ފަންސާސް އަށް ލާރި ( 3068.58ރ ) އާއިއެކު ޕާސްޕޯޓް ހުށަހެޅުމުން ބޮޑުތިލަދުންމަތީގެ ކޮންމެ މީހަކަށްވެސް ދަތިކަމެއްނެތި އިންޑިޔާއަށް އުދުހިފައި އެނބުރި އާދެވޭނެއެވެ. އައްޑޫ މީހުން މާލެ ދާން ޓިކެޓް ގަންނަންޖެހޭ ފައިސާގެ އަދަދާއި ހަނިމާދޫން ޓްރެވެންޑްރަމަށް ދާން ޓިކެޓް ނަގަންޖެހޭ ފައިސާގެ އަދަދުގައި ތިންސަތޭކަ ފަންސާހަށްވުރެ ފަރަޤުބޮޑެވެ. އެހެންނަމަވެސް ހިތްހަމަޖައްސާލަންޖެހޭ ކަމަކީ އައްޑޫ މީހުންގެ ޓިކެޓަށް ދައްކަންޖެހޭ ފައިސާގެ އަދަދުހާ ރީތި އަދަދެއް ބަޔަކަށް ޓިކެޓަކަށް ހަމަޖައްސައި ނުދެވޭނެކަމެވެ. ތިނެއް، ހަތަރެއް، ފަހެއް، ހަޔެއް ( 3456 ) ގުނާލަންވެސް ފަސޭހަ އަދަދެކެވެ. ހަނދާނުގައި ބަހައްޓަންވެސް ފަސޭހައެވެ.

ދެން އިވޭނެ އަޑަކީ ބޮޑު ތިލަދުންމަތީން ޕާސްޕޯޓް ހެއްދުމުގެ އިންތިޒާމް ހަމަޖެހުނު ވާހަކަ ކަމަށްވެސް ވެދާނެއެވެ. ކުރަން ބަލާއިރު މިކަމަކީވެސް މާދަތިކަމެއް ނޫނެވެ. އެހެނީޕާސްޕޯޓް ހަދައިދިނުމަކީވެސްް އޮނަރަބަލް ނާޒިމްގެ އިޙުތިޞާސްގެ ތެރޭގައި އޮތް ކަމެކެވެ. އިމިގްރޭޝަން ހިނގަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

ވިޔަފާރި ޕްލޭނެއް ނެތި ހިންގިކަމުގެ އިލްޒާމު އެޅިފައިވާ އެއަރމޯލްޑިވްސްގެ ބަނޑުން ވިހޭ ދަރިއަކީ އައިލެންޑް އޭވިއޭޝަނެވެ. މޯލްޑިވިއަންގެ ނަމުގައި އުދުހެންފެށީ މިފަހަރު ވިޔަފާރި އުޞޫލުން ނޫން ގޮތަކަށް ކުންފުނީގެ ސިޔާސަތު ނުބަހައްޓާނެކަމުގެ ޔަޤީންކަމާއެކުގައެވެ. ނަތީޖާ ފޮންޏެވެ. ކުރުމުއްދަތެއްގައި ގިނަ މަތިންދާ ބޯޓް ތަކެއް ހޯދިއެވެ. އެންމެފަހުން އެއަރބަސް ވެސް ކުންފުނީގެ ބޯޓު ތަކުގެ ތެރެއަށް ވަނީއެވެ.

މިފަދަ ބޮޑު ކުރިއެރުމެއް ކުންފުންޏަށް ހޯދުނީ "ޑިމާންޑަށް ކޭޓަރ ކުރުމުގެ" ސަބަބުން ކަމަށް ޤަބޫލު ކުރެވެއެވެ. އާބާދީ އެންމެ ބޮޑީ އައްޑޫ ގައި ކަމަށް ވުމުން "ފުލް ފުލައިޓް" ތައް އެންމެ ގިނައިން އުދުހުނީ މާލެއާއި ގަމާދެމެދުގައެވެ. އަދި މާލޭގެ ރައްޔިތުން ފިޔަވައި އެންމެ ގިނަ ރައްޔިތުންތަކެއް އިންޑިޔާއަށް އުދުހުނީ އައްޑޫ މީހެއްގެ އައިޑެންޓިޓީ އޮތް ޕާސްޕޯޓުގައެވެ. މިހުރިހާކަމަކަށް "ވިޔަފާރި އުޞޫލުން" ބެއްލެވުމަށްފަހު ހަނިމާދޫ އާއި އިންޑިޔާއާއި ދެމެދު ދަތުރު ފެށުމަކީ އެކުންފުނީގެ ވިޔަފާރި ސިޔާސަތުގެ ހަރުދަނާކަން ކަމުގައި ވެދާނެއެވެ. ނުވަތަ އައިލެންޑް އޭވިއޭޝަން ގައި ގަމުން ޓްރިވެންޑްރަމަށް ދަތުރު ކުރެވޭ ވަރުގެ ބޯޓު ފަހަރު ނެތީކަމަށް ވުންވެސް ގާތެވެ. ކަމުގެ ޙަޤީޤަތް އެނގޭނީ ވައިގެ ދަތުރު ފަތުރާ ގުޅޭ މާހިރުންނަށެވެ. ކޮންމެ ގޮތަކަށް ވިޔަސް ދަތުރުތައް އެފެށެނީވެ.

މިހުރިހާކަމެއް ނިމި ދިވެހި ރައްޔިތުން އުފާ ކުރަމުންދާއިރު ޚާއްޞަކޮށް ބޮޑު ތިލަދުންމަތި ނަށަމުންދާއިރު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކާސާ ހޯލްޑިން އާއި ޙަޥާލު ކޮށްގެން "ހޯލްޑް ވެފައި" އަޅުގަނޑުމެން ހަމަ އުފަލުން ތިބޭނަމެވެ. އައްޑޫ މީހުން ނޫނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މީހަކު ނަމަ އިންޑިޔާއަށް ފުރުމުގެ ކުރީން ވަގުތު އޮތްވާ މާލެ ދާންޖެހޭނެއެވެ. ވިސާހެއްދުމަށެވެ. ވިސާ ކިއުގައި ޖެހުމަށެވެ. އިންޑިޔާއަށް ދާން ވިސާހެއްދުމަކީ ކިހާ އުނދަގޫ ކަމެއްތޯ ބަލާލުމަށެވެ. ޓިކެޓް ނެގުމަށެވެ. މާލޭގެ ގެސްޓް ހައުސްއަކުން ކުއްޔަށް ކޮޓަރި ހިފާށެވެ. އެތަނަށް ދުވާލަކު ހަސަތޭކަރުފިޔާ ދެއްކުމަށެވެ. މާލޭގެ ހޮޓާ ތަކުން އަގު ބޮޑު މީރު ކެއުންތަކަށް އިންޞާފު ކޮށް ލުމަށެވެ. އެއަށްވުރެ ބޮޑަށް ގިރާވަރު މީހުން މަސްކަނޑަން ދިޔަ އަތަމަނަ ހުރާއިން ބަކަރިތައް ބޭރުކުރިފަހުން މިވީ މަދު ދުވަސްކޮޅު ތެރޭގައި އެރަށަށް ލިބުނު ކުރިއެރުން ދެކިލުމަށެވެ. އަދި އަތަމަނަހުރާ ސިޓީ އަކަށް ހެއްދެވި ބޭފުޅުންނަށް ތަޢުރީފް ކޮށްލަމުން އަމިއްލަ ޙާލާމެދު ހަމްދަރުދީ ވެލުމަށެވެ.

އައްޑޫމީހުންނަކީ ތަޞަވައްރަކާއި ހުވަފެނަކުން ފުއްދާލެވިދާނެ ބަޔަކީ ތޯއްޗެކެވެ. ސިޔާސީ ފޯވަހީގައި އެންމެ ފޯރި އަރާ އެއްޓީމަކީ ވިޝަން ޓީމެވެ. ނޫނީ ޑްރީމް ޓީމެވެ. އިރުވަރު ބަލާފައި ޑްރީމް ޓީމާއި ވިޝަން ޓީމު ގެ މެޗު ފެށޭނެއެވެ. މި ޓީމުގެ ބޭފުޅުން އައްޑުގެ ތަރައްޤީ އަށް ގިނަ ތަޞައްވަރު ތަކެއް ކުރައްސަވާނެއެވެ. ޕްލޭންތައް ކުރައްވާނެއެވެ. ހުވަފެންތައް ދައްކަވާނެއެވެ. ވޯކްޝޮޕްތައް ބާއްވަވާނެއެވެ. މިކަންތައްތަކުން އައްޑޫ ރައްޔިތުންނަށް ލިބޭ ފައިދާ އަކީ ވިޝަން ޓީމު ނޫނީ ޑްރީމް ޓީމް އެބޭފުޅުން ގެ މަސައްކަތްތަކަށް ބައިނަލް އަޤްވާމީ އެން.ޖީ.އޯ ތަކާއި ގުޅިގެން ހޯއްދަވާ ގިނަ ޑޮލަރު ތަކުގެ ތެރެއިން ޑޮލަރުކޮޅެއް މާލޭގެ ކޮންމެވެސް ބަޔަކަށް މާރު ކުރެއްވުމަށްފަހު ހުންނަ ދިވެހި ފައިސާ ކޮޅުން ވޯކްޝޮޕްގެ ކަޅު ސަޔަށް އައްޑޫގެ ސައިހޮޓަލަކަށް ދެވޭ މަދު ލާރިކޮޅެވެ. އަދި ވޯކްޝޮޕްގައި ބައިވެރިވާ ކުދީންނަށް ލިބޭ ފުއްޖެހި ކަވާބަކާއި ކީމިޔާ އެއްގެ އިތުރުން ހިހޫ ވެފައި ހުންނަ ފޮނި މަޑު ކަޅުސައިތައްޓެކެވެ. ޝައުޤުވެރިކަމާއެކު އަޅުގަނޑުމެންނަށް އޮތީ އެއަށް އިންތިޒާރުކުރުމެވެ.