ތާރީޚު ދުށް އެންމެ ކާމިޔާބު އަދި ހުނަރުވެރި އެއް އާކިޓެކްޓަކީ މިއުމާރު ސިނާންއެވެ. އޭނާ ދޫކުރެއްވި އަގުހުރި ފަންނީ ތަރިކައަކީ، ގަރުނުތަކަކަށް ފަހު މިއަދު ވެސް މުޅި ދުނިޔެއަށް އާދަޔާޚިލާފު އިލްހާމެއް ލިބިދޭ މަސައްކަތްތަކެކެވެ.
ސިނާން އަކީ 16 ވަނަ ގަރުނުގައި އުސްމާނީ ޚިލާފަތުގެ އިސް އާކިޓެކްޓުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ މަސައްކަތްތަކުން ފެނިގެންދަނީ ފަންނީ ރީތިކަމާއި އިންޖިނިއަރިންގްގެ މޮޅު އުކުޅުތައް އެއްކޮށްލައިފައިވާ މިންވަރެވެ. އޭނާގެ މުޅި ހަޔާތުގައި 350 އަށްވުރެ ގިނަ ބިނާ ފަރުމާކޮށް، އެ ތަންތަން ބިނާކުރުމުގެ މަސައްކަތް އިސްކޮށް ބަލަހައްޓަވައިފައިވެއެވެ. މީގެ ތެރޭގައި ހައިބަތު ހުރި މިސްކިތްތަކާއި، ފާލަންތަކާއި، މަދަރުސާތަކާއި، ފެން ފޯރުކޮށްދޭ ނިޒާމުތަކުގެ އިތުރުން އާންމު ފެންވަރާ ތަންތަން (ހަމާމް) ހިމެނެއެވެ.
އޭނާގެ އެންމެ ފާހަގަކޮށްލެވޭ ބިނާތަކުގެ ތެރޭގައި އިސްތަންބޫލްގައި ހުންނަ ސުލައިމާނިއްޔާ މިސްކިތާއި، އެޑިރްނޭގައި ހުންނަ ސަލީމިއްޔާ މިސްކިތް ހިމެނެއެވެ. ސަލީމިއްޔާ މިސްކިތަކީ ސިނާން އޭނާގެ "އެންމެ ފުރިހަމަ ފަންނީ އުފެއްދުން" ކަމުގައި ސިފަކުރެއްވި ބިނާއެވެ. މި މިސްކިތުގެ ހިތްގައިމު ބޮޑު ގުއްބާއި، ބިނާގެ މިންތައް ހުރި ފުރިހަމަ ގޮތުގެ ސަބަބުން މިއަދުވެސް ގިނަ ބައެއްގެ ތައުރީފު އެ ބިނާއަށް ލިބެއެވެ.
މިއުމާރު ސިނާންގެ މަސައްކަތްތައް ހަގީގަތުގައިވެސް ތަފާތުވަނީ، އޭނާ ބިނާކުރި ގިނަ އިމާރާތްތަކެއް ބާރުގަދަ ބިންހެލުންތަކާއި، ހަނގުރާމަތަކާއި، އަދި 400 އަށްވުރެ ގިނަ އަހަރުގެ ދިގު މާޒީގައިވެސް އެއްވެސް ގުޑުމެއް ނެތި ސަލާމަތުން ހުރުމުންނެވެ. އޭނާގެ ކޮންމެ ބިނާއަކުންވެސް ފެނިގެންދަނީ ރީތިކަމާއި، ބޭނުންތެރިކަމާއި، އަދި އިންޖިނިއަރިންގްގެ ފުރިހަމަ ކަމެވެ.
މިއަދު މިއުމާރު ސިނާން ބަލައިގަނެވެނީ ހަމައެކަނި އުސްމާނީ ދައުލަތުގެ އެންމެ ކާމިޔާބު އާކިޓެކްޓްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ މުޅި ދުނިޔޭގެ އާކިޓެކްޗާގެ ތާރީޚުގައި ވެސް އެންމެ ނުފޫޒުގަދަ އަދި ޝަރަފުވެރި އެއް އިންޖިނިއަރެވެ.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.