ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީއަށް ލިބުނު ނަތީޖާއިން އެ ޕާޓީ އޮތީ ކާމިޔާބީއާ މާ ދުރުގައި ނޫން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 62 ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސޯބެ އަށް 1,375 ވޯޓު ލިބިވަޑައިގަތްއިރު، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ އިންތިހާބު ކާމިޔާބު ނުވި ނަމަވެސް ކުރެވުނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ހިތަދޫގައި ބެހެއްޓި ފޮށިތަކުގެ ނަތީޖާއިން ޕާޓީގެ މުސްތަގުބަލު އުޖާލާކުރުމަށް އަލިމަގެއް ހުޅުވިފައިވާކަން ހާމަވެފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ނަތީޖާއާ އެކުގައި ޕީއެންސީ ކުރިއަށްދާންވީ ރާސްތާ ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ ކަމަށާއި އަދި ޕީއެންސީ އޮތީ ކާމިޔާބީއާ މާ ދުރުގައި ނޫން ކަން ވެސް ހާމަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ކާމިޔާބާ މާ ދުރުގައި ނޫންކަން އަޅުގަނޑުމެންނަށް ހާމަވެއްޖެ. މި އިލެކްޝަނުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ އަޅުގަނޑުމެން އިތުރަށް މަސައްކަތްތަކެއް ކޮށްފިއްޔާ އަޅުގަނޑުމެންނަށް މިއަށްވުރެވެސް ބޮޑެތި ކާމިޔާބީތައް ލިބިގެންދާނެ،" ރާފިއު ވިދާޅުވި އެވެ.
ކެމްޕެއިންގެ މަސައްކަތުގައި ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ލީޑަޝިޕުން ދެއްވި އެއްބާރުލުމަށް ރާފިއު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.