Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ރައީސްގެ އިގްތިސާދީ ބަދަލުތައް ދުނިޔެއިން ބަލައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ގެންނެވި އިގްތިސާދީ ބަދަލުތައް މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޒަމީރު ވިދާޅުވީ ހަނގުރާމައިގެ މި ދަތި ހާލަތުގައި ވެސް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "ފިޗް" އިން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރީ ރައީސް ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތު ރަނގަޅުވުމުން ކަމަށާއި، މި ވެރިކަމުގައި ރާއްޖެއަށް ގެނެސްފައިވާ އިގްތިސާދީ ބަދަލުތައް ދުނިޔެއިން ވެސް ބަލައިގެންފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ގެންނެވި އިގްތިސާދީ ބަދަލުތަކަކީ އެއީ ދުނިޔެއިން ވެސް ބަލައިގަނެ، އަދި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ފައިދާހުރި ޕޮލިސިތަކެކޭ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގެ ދަރަނި ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ފިޗްގެ ރިޕޯޓުގައިވެސް ރާއްޖެއިން ދަރަނި ދައްކަމުންދާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދަރަނި ނުދައްކާނަމަ ޤައުމު ބަނގުރޫޓުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން އިޢުލާނު ކުރާނެ ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ސިޔާސީ ބޭނުމަކަށް ދައްކާ އެފަދަ ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކަށް އަލިއަޅުއްވާލައްވަމުން ޒަމީރު ވިދާޅުވީ، އެ ޤައުމުތަކުގައި ތަކެތީގެ އަގުބޮޑުވެ، ކަރަންޓުގެ ޚިދުމަތް ބޮޑުތަނުން އަގުބޮޑުވެފައިވީ ނަމަވެސް، ރައީސް މުޢިއްޒު ނިންމެވީ ރައްޔިތުންނަށް އެފަދަ ބުރައެއް ނުޖައްސައި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވުމަށެވެ.

އަދި ރައީސް ދެއްވި ޕްލޭންއާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެކުގައި މަސައްކަތް ކުރުމުން އޭގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.