Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

އޭޝިއާ ކްލީން އެނާޖީ ފޯރަމްގައި ރާއްޖެ

އޭޝިއާ ސަރަޙައްދުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމް ކަމަށްވާ "އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއްޖެ އެވެ.

މި މަހުގެ 8 އިން މާދަމާގެ ނިޔަލަށް ފިލިޕީންސްގެ މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހެޑްކުއާޓާޒްގައި ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ބިޔޯންޑް ޓްރާންސިޝަން: ބިލްޑިންގ ސެކިއުއާ، ރެޒިލިއަންޓް، އިންކްލޫސިވް އެންޑް އިންޓެލިޖަންޓް އެނާޖީ ސިސްޓަމްސް" އެވެ. މި ޝިއާރުގެ ދަށުން، ހަކަތައިގެ ނިޒާމުތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ތޫނުފިލި ނިޒާމުތަކަކަށް ހެދުމަށް މަޝްވަރާ ކުރެވޭނެ އެވެ.

ފޯރަމްގައި ރާއްޖޭގެ ވަފުދުން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ މަތީ ފަންތީގެ ވައުދުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމެވެ. ޚާއްޞަކޮށް، މިއީ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ، ގޭބިސީތަކާއި މުޖުތަމައުތަކަށް ސީދާ ފައިދާ ކުރާނެ ފަދަ ހަކަތައިގެ އެޖެންޑާއެއް އެކުލަވާލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. ރާއްޖޭގެ ވަފުދުން މި ފޯރަމްގައި ބައިވެރިވެ، ރާއްޖޭގެ ތަޖުރިބާތައް ހިއްސާކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.