ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޑިމޮކްރަސީއާއި އިންސާނީ ކަރާމާތް ނެގެހެއްޓުމަށްޓަކައި އެމްޑީޕީ އިން ކޮށްފައިވާ އިޞްލާޙީ މަސައްކަތްތަކަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެކެވެ. އެހެން ނަމަވެސް، މިހާރުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ މާޙައުލަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން، ޕާޓީގެ އަސާސްތައް ދަމަހައްޓައި، ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާބިލު އަދި ވަރުގަދަ ލީޑަރެއްގެ މުހިންމުކަން މިވަނީ މީގެ ކުރިން ދުވަހަކުވެސް ނުޖެހޭ މިންވަރަށް ބޮޑުވެފަ އެވެ.
ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ގަބޫލުކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވެ، ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބޮޑެތި ލޮޅުންތަކެއް އެރީ އޭރުގެ އިސްވެރިން ކަންކަން ކުރެއްވި ގޮތުންނެވެ. ނަމަވެސް، މިއަދު އެ ބަހުސްތަކުގައި ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މާޒީގެ ތެރޭގައި ބަންދުވެފައި ތިބޭ ބަޔަކަށް އުޖާލާ މުސްތަގުބަލެއް ބިނާ ނުކުރެވޭނެތީ އެވެ.
އެމްޑީޕީ ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދުގެ ތަޖުރިބާއާއި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ސިޔާސީ ކަންކަން މިނަންޖެހޭނީ ސިޔާސީ ނާޅިއަކުންނެވެ. އެހެންކަމުން، މާޒީގެ ހިތްނުތަނަވަސްކަން ދޫކޮށްލައި، މުސްތަގުބަލަށް އިސްކަން ދީގެން ޕާޓީގެ ސަފުތައް އަލުން ބަދަހިކޮށް ރުކުރުވާލައި، ވަރުގަދަ ކުރުމަކީ މިއަދު އެންމެ އިސްކަންދޭން ޖެހޭ މުހިންމު މަސައްކަތެވެ.
ޤައުމުގެ ސިޔާސީ މަސްރަޙު ބަދަލުވަމުންދާ ގޮތާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި އިޤްތިޞާދީ ގޮތުން ޤައުމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑެވެ. މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ އިސް ހިންގުމާ އަނެއްކާ ވެސް ޕާޓީ އުފެއްދި ހިތްވަރު ގަދަ، ކެރޭ ލީޑަރުން ހަވާލުވާން ޖެހެ އެވެ. އެއީ ޕާޓީގެ އަސާސްތަކާއި މަޤްޞަދުތައް އެންމެ ބޮޑަށް ދަންނާނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށްވާތީ އެވެ.

މި މުހިންމު މަސައްކަތުގައި ކުރިޔަށްޖެހި އިސްނަގަން މިވަގުތު އެންމެ އައުލާކަން ބޮޑު ފަރާތަކީ، ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ކަމީ ޝައްކެއް ނެތި ގިނަ ބަޔަކު ގަބޫލު ކުރާނެ ޙަޤީޤަތެކެވެ. އެ މަނިކުފާނަކީ ޕާޓީގެ ހިންގުމުގެ ދާއިރާގައި ނުހަނު ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، ޕާޓީގެ ޢާންމު މެންބަރުންގެ ވިންދު ދަންނަ، އަދި ޕާޓީއަށް ދިމާވާ ކޮންމެ ނުތަނަވަސްކަމެއްގައި ސާބިތުކަމާއެކު ހުންނަވާނެ ކެރޭ ލީޑަރެކެވެ.
ނަޝީދަކީ ޕާޓީގެ އެންމެ އުނދަގޫ ދުވަސްވަރުވެސް ޕާޓީގެ ހިންގުމުގެ އިސް ސަފުގައި ހުންނަވައިގެން، މެންބަރުން ގޮވައިގެން ކުރިޔަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ޢާންމު މެންބަރުންގެ އިތުބާރު އަލުން ހޯދައި، ކުރިއަށް އޮތް ސިޔާސީ މަސައްކަތްތަކަށް ޕާޓީ ތައްޔާރުކުރުމަށްޓަކައި އެމަނިކުފާނުގެ ލީޑަޝިޕް ކޮންމެހެން ބޭނުންވެ އެވެ.
ވީމާ، އެމްޑީޕީގެ ކުރިމަގަށާއި، ޕާޓީގެ ވަރުގަދަ ކަމަށްޓަކައި، ނަޝީދު އެމްޑީޕީގެ ޗެއާޕާސަނަކަށް އަލުން ގެންނަމާ ހިނގާށެވެ. އެއީ މިވަގުތު ޕާޓީއަށާއި ޤައުމަށް ވެސް އެންމެ ފައިދާހުރި ގޮތްކަމުގައި ފެނެ އެވެ.