Last Updated: June 10, 13:24
Wednesday, June 10, 2026
ކުޅިވަރު

މި އަހަރުގެ ވޯލްޑް ކަޕް މާދަމާ ފަށަނީ

މި އަހަރުގެ ފީފާ ވޯލްޑް ކަޕް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދާ މުބާރާތުގައި 48 ގައުމަކުން ވާދަކުރެ އެވެ. އަދި މުބާރާތް މި އަހަރު ބާއްވަނީ ތިން ގައުމެއްގައި މެޗްތައް ކުޅޭ ގޮތަށެވެ. އެއީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ އެވެ. މެޗްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ގައުމުގެ 16 ސިޓީއެއްގަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ އަލަށް 48 ޓީމާ އެކު މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުބާރާތް ބާއްވަމުން އައީ 32 ޓީމާ އެކީގަ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ބަހާލާފައި ވަނީ 12 ގްރޫޕަކަށެވެ. އަދި މި އަހަރުގެ މުބާރާތުގައި ޖުމްލަ 104 މެޗް ކުޅޭނެ އެވެ.

މާދަމާ މުބާރާތް ފަށާނީ މެކްސިކޯގަ އެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗަށް ނުކުންނާނީ މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ. ދެހާސް ބާވީހުގައި އެ މުބާރާތް އޮތީ ގަތަރުގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕަކީ 1930 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބާއްވަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ.