Last Updated: June 10, 13:24
Wednesday, June 10, 2026
މުނިފޫހިފިލުވުން

ޖާންވީ ބިރުވެރި ފިލްމެއް ކުޅެނީ

އިންޑިއާގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ބިރުވެރި ފިލްމެއް ހުށަހަޅައިފި އެވެ.

ޕިންކްވިލާ އިން ބުނީ 2021 ގެ ކޮމެޑީ-ހޮރޯ 'ރޫހީ' ގައި ޑަބަލް ރޯލެއް ކުޅުނު ބަތަލާ އަށް ކްރީޗާ ހޮރޯ ފިލްމެއް ހުށަހެޅީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ ކާމިޔާބު އެެއް ބިރުވެރި ފިލްމު ކަމަށްވާ 2018 ގެ 'ތުމްބަޅް' ގެނެސްދިން ޑައިރެކްޓަރު ރާހީ އަނިލް ބަރްވޭ ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ޖާންވީ އަށް ފިލްމު ހުށަހަޅައި، ސްކްރިޕްޓް ވެސް ހިއްސާކޮފައިވާ އިރު، އޭނަ މިހާރު އަންނަނީ އެ ކިޔަމުންނެވެ. އަދި ވަރަށް އަވަހަށް އޭނަ ފިލްމަށް ރަސްމީކޮށް ސޮއިކުރާނެ ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ.

މާ ބޮޑު ތަފުސީލެއް އަދި ނުލިބޭ ރާހީގެ އާ ބިރުވެރި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ އިރު، މި ފިލްމު ހަދަން ނިންމާފައި ވަނީ ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.

ރާހީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'މާޔާސަބާ' އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅި، ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 4 ގައި ރިލީޒްކުރި ތެލެގޫ ސްޕޯޓްސް އެކްޝަން ޑްރާމާ 'ޕެއްޑީ' އެވެ. ބުޗީ ބާބޫ ސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލަކީ ރާމް ޗަރަން އެވެ.