Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

ވަގު ކޯޓާގެ ވިޔަފާރި އަލުން ފެށީ މި ސަރުކާރުން: ފައްޔާޒް

ރާއްޖެ އަށް ބިދޭސީން ގެންނަން ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓުގެ ވަގު ވިޔަފާރި އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ހުއްޓުވާފައި އޮއްވައި އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިއްޔެ 25 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝައްމާން ވަހީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފައްޔާޒް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ އޭނަ އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށާއި ޝަމްއާން ޖަލަށް ލީ އެ ހަގީގަތް ހާމަކުރުމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވާފައި ވަނިކޮށް އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށެވެ.

"އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި،" އޭނަ ވިދާޅުވި އެވެ. "އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސް ފަރާތްތައް."

ޝައްމާން އިއްޔެ ވިދާޅުވެފައި ވަނީ ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ޝަމްއާން ވިދާޅުވެފައިވެ އެވެ.

އޭނަގެ އެ ވާހަކަތަކާ ގުޅިގެން ސަރުކާރުން ވަނި އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.