Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ވެސް ކުރައްވައިފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

ބޮޑު މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އާއި ފޭސް 3 ދެމެދު އެވެ.

މިި މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިނިސްޓްރީން އޮތީ އެއްބަސްވުމެއްގައި ކުރިން ސޮއިކޮށްފަ އެވެ.

މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. އެގޮތުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.

މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް ހިމެނޭނެ އެވެ.