Last Updated: June 10, 13:24
Wednesday, June 10, 2026
މުނިފޫހިފިލުވުން

އާލިއާގެ 'އަލްފާ' ގެ ޓީޒާ ދައްކާލައިފި

އާލިއާ ބަޓް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު 'އަލްފާ' ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ. އަދި އަލްފާ އަކީ އެ ޔުނިވާސް އަށް ބަތަލާއިން ލީޑްކުރާ ގޮތަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އެގޮތުން މީގެ ވަރުގަދަ ރޯލަކުން އާލިއާއާ އެކު އަރަމުން އަންނަ ޒުވާން ބަތަލާ ޝަރްވާރީ ވާގް ވެސް ފެންނާނެ އެވެ.

އެކަމަކު މިއަދު ދައްކައިލި 'އަލްފާ' ގެ ފުރަތަމަ ޓީޒާ ބިނާވެފައި އޮތީ އާލިއާ އާއި އޭނަ ކުޑައިރުން ފެށިގެން ޓްރެއިންކުރާ ބޮބީ ޑިއޯލްގެ ކެރެކްޓާގެ މައްޗަށެވެ.

ބޮލީވުޑްގެ މި އަހަރުގެ އެންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'އަލްފާ' ގެ ކާސްޓްގައި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައީ އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް އެވެ. އޭނަ ކުރިން ވައިއާރްއެފްގެ ދެ ވެބް ސީރީޒެއް ޑައިރެކްޓްކޮށްފައިވެ އެވެ.

'އަލްފާ' އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އާލިއާ، ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ވައިއާރްއެފަށް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި މިއީ 2024 ގެ 'ޖިގްރާ' އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އޭނަގެ ފުރަަތަމަ ފިލްމު ވެސް މެ އެވެ.

ވައިއާރްއެގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ އެހެން ފިލްމުތަކަކީ ސަލްމާން ޚާންގެ 'ޓައިގާ' ފްރެންޗައިޒާއި ރިތިކް ރޯޝަންގެ 'ވޯ' ފްރެންޗައިޒްގެ އިތުރުން ޝާހްރުކް ޚާންގެ 'ޕަތާން' އެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލްއާ އެކު އަންނަ އަހަރުގެ ޖެނުއަރީގައި ފެންނާނެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' ހިމެނެ އެވެ.