މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލީ ގޮތުން ކަންކަން ކުރާނެ ގޮތް ބަޔާންކުރާ "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލު ކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލު ކުރަން ފަށައިފި އެވެ.
އިއްޔެ ޝާއިއުކުރި މި ގަވާއިދަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރި ކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުމެވެ.
މީގެ އިތުރުން، ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު އުފުލުމާއި، ތަހުލީލުކުރުމަށް ރަސްމީ ލެބޯޓްރީއަށް ފޮނުވުމުގެ އިޖުރާއަތްތައް މި ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ތަނަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތުވެސް ތުހުމަތުކުރެވޭ ފަރާތަށް ލިބިދެއެވެ.
ގަވައިދުގައިވާ ގޮތުން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ޕޮލިސް ކޮމިޝަނަރު ނުވަތަ އެކަމަށް ކަނޑައަޅާފައިވާ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އަދި ކޮންމެ އޮޕަރޭޝަނަކަށް ވަކިވަކިން ހުއްދަ ހޯދަން ޖެހޭ އިރު، ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، ސަލާމަތީ ކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ. މީގެ އިތުރުން އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ކުރުމާއި، އޮޕަރޭޝަން ނިމުމުން ރިޕޯޓް ކުރާނެ ގޮތްތައް ވެސް ކަނޑައަޅާފައިވެ އެވެ.
މި ގަވާއިދު އެކުލަވައިލުމުގެ މައިގަނޑި މަގުސަދަކީ މަސްތުވާތަކެތީގެ ތަހުގީގުތައް ޖަވާބުދާރީވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި، ތަހުގީގުކުރާ ފަރާތްތަކަށް ސާފު އުސޫލުތަކެއް ކަނޑައަޅައި ދިނުމެވެ. އެހެންވެ މީގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެން ދާނެ އެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި، އެ ތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގައި މިހާރު އަންނަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތައް ވެސް ދެމުންނެވެ.