ހޯމްލޭންޑް މިނިސްޓަރު އަލ އިހްސާންގެ މައްޗަށް އިއްޔެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ކޮށްފައ ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް އޭނަ ވިދާޅުވެއްޖެ އެވެ.
ޝައްމާނަށް އިއްޔެ ހުކުމް ކުރުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން އިހުސާން ނާޖާއިޒު ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އޭނަގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިހްސާން މިއަދު ވިދާޅުވީ ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިން ވެސް މީޑިއާއި ދަންނަވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.
ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި.
ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް…
— Minister of Homeland Security, Labour & Technology (@min_mohst) June 10, 2026
"ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކަ އަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު،" އިހްސާން ވިދާޅުވި އެވެ. "މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށް ދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި."
ޝައްމާން ބުނެފައި ވަނީ އިހްސާން އޭނަ ފުރޭމް ކުރައްވަން ފެއްޓެވީ މިނިސްޓަރުގެ ވީޑިއޯއެއް އޭނަގެ އަތުގައި އޮތްކަން އެނގިވަޑައިގެން ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ވީޑިއޯއެއް ކަމަށް ނުބުނެ އެވެ.