ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.
ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް މީހަކު ހޯދަން ކުރަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު ކުރިމަތިލާން ދިން ސުންގަޑި ހަމަވީ އެ މަހުގެ 7 އަށެވެ.
ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ސީއީއޯގެ މަގާމުގެ ޝަރުތަކީ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.
ޕެންޝަން އޮފީހުން ބުނީ މަޤާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވަނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.
ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަން އިއުލާން ކުރުމުގެ އިތުރަށް ބޯޑު މެންބަރު ކަމަށް ވެސް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް ދިން ވަގުތު ހަމަވާނީ މި މަހުގެ 16 އަށެވެ.
މިދިޔަ މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ އަދި ބޯޑް މެންބަރު ކަމަ ށްޔާމީން އިދުރީސް އައްޔަންކޮށްފައިވެ އެވެ.
މަގާމުގެ މުސާރަ ކަނޑައަޅާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެ ފަރާތުން އެއްބަސްވާ ގޮތަކަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދޭނީ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.