ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އާ ބުރު ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެހެންވެ ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޒުވާން ޚަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ އެވެ.
މިނިސްޓްރީން ބުނީީ އާ ބުރު އަންނަ މަހު ފަށާ އިރު، މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަމްރީނުތައް ކުރިއަށް ގެންދާނީ ފޭސް-ޓު-ފޭސްކޮށް ކަމަށެވެ. ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ވެސް އެ ފުރުޞަތު ވެސް އޮންނާނެ އެވެ.
ޒުވާން ޚަތީބުން ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ހަތަރު ބުރުން ސެޓްފިކެޓް ހާސިލުކުރި ޒުވާނުންނަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދުކުރާ ޒުވާނުންނެވެ.
މި ޕްރޮގްރާމް ފެށީ 2024 ގަ އެވެ.