Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

'ގިލަން' ގެ ޓްރެއިލާ އާންމުކޮށްފި

މި މަހުގެ ފަހުކޮޅު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމްގެ 'ގިލަން' ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ނަމަވެސް ނުގެނެސްދެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ.

'ގިލަން' ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ އެއްޗެޖެވެ.

'ގިލަން' ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފާތުމަތު އާޒިފާ (އަޒޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ.

'ގިލަން' ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގަ އެވެ. މި ފިލްމަކީ އޮލިމްޕަހުގައި މި އަހަރު އަޅުވާ 5 ވަނަ ފިލްމެވެ.

އެންމެ ފަހުން އެ ތަނުގައި ދެއްކީ އެޕްރީލް 29 ގައި ޕްރީމިއާކުރި ޑައިރެކްޓަރު މުހައްމަދު ހިލްމީގެ "ލަމްހާ" އެވެ.

އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ގެ 'އުދަބާނި 2' އެވެ.