ހަނދަށް އަލުން ދާން އެމެރިކާ އިން ކުރިއަށް ގެންދާ އާޓިމިސްގެ ތިން ވަނަ މިޝަންގައި ބައިވެރިވާ ކްރޫން ނުވަތަ އެސްޓްރޮނޯޓުންގެ ޓީމު އިއުލާންކޮށްފި އެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އިއުލާންކުރި މި ކްރޫގައި ހިމެނެނީ ހަތަރު މެންބަރުންނެވެ. އޭގެ ތެރޭގައި މިޝަން ކޮމާންޑަރަކަށް ހުންނާނީ ނާސާގެ އެސްޓްރޮނޯޓް ރޭންޑީ ބްރެޒްނިކެވެ. އަދި އާޓިމިސް 3 ގެ ކްރޫ ދަތުރުކުރާ އުޅަނދު، އޮރަޔަންގެ ޕައިލެޓަކަށް ހުންނާނީ އިޓަލީ އަށް ނިސްބަތްވާ ލޫކާ ޕަރްމިޓާނޯ އެވެ. މިޝަންގެ ސްޕެޝަލިސްޓުންނަކީ އެންޑްރީ ޑަގްލަސް އާއި ފްރޭންކް ރޫބިއޯ އެވެ. އަދި ބެކަޕް ކްރޫއެއްގެ ބޮން ހެއިންޒް ބައިވެރިވާނެ އެވެ.
މި ކްރޫގެ ދަތުރަށް ބޭނުންކުރާ އުޅަނދަކީ މިދިޔަ އެޕްރީލްގައި ކުރިއަށް ގެންދިޔަ އާޓިމިސް ދޭއްގައި ވެސް ބޭނުންކުރި އުޅަނދެވެ. އެ ފަހަރު ވެސް ކްރޫގައި ހިމެނުނީ ހަތަރު މެންބަރެކެވެ. އެއީ މުޅިން އަންހެން ބައިވެރިޔަކު ވެސް ހިމެނޭ ގޮތަށެވެ.
އާޓިމިސް 2 ގެ ދަތުރު ފެށީ އެޕްރީލް 1 ގަ އެވެ. އެ ދަތުރު ނިންމާލައި ކްރޫން ދުނިޔެއަށް އެނބުރި އައީ އެޕްރީލް 10 ގަ އެވެ.
ނާސާ އިން ބުނީ އާޓިމިސް ތިނެއްގެ ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ހަރަކާތްތެރި ވާނީ ދުނިޔޭގެ ލޯ އޯބިޓް ސަރަހައްދުގައި ކަމަށެވެ. އެތަނުގައި ހޭދަކުރާ ދެ ހަފުތާގެ ތެރޭގައި ހަނދަށް ދަތުރުކުރަން ބޭނުންވާ އުޅަނދުގެ ޕްރޮޓޯޓައިޕްއާ ޑޮކްކޮށް، ރިހާސަލްތަކެއް ކުރިއަށް ގެންދާނެ އެވެ.
އާޓިމިސް 3 ގެ މަގުސަދަކީ ހަނދުގެ ދެކުނު ތަނޑިއަށް އިންސާނުން ބޭލުމެވެ. އަދި މިއީ ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމުކުރުމަށާއި، ކުރިމަގުގައި މާސް އަށް ދަތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފާލަމަކަށް ވާނެ އެވެ.
އާޓިމިސް ތިނެއް މިޝަން ލޯންޗްކުރާނެ ސީދާ ތާރީހެއް ނާސާ އިން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އެ މިޝަން ފަށާނީ އަންނަ އަހަރު އެވެ.
އެމެރިކާ އިން ހަނދަށް ދާން ކުރިއަށް ގެންދާ މިޝަންގެ އަމާޒަކީ 2028 ގައި މިކަން ކާމިޔާބު ކުރުމެވެ. އެ ގައުމުން އެންމެ ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ.