Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އަޒާންގެ ދައުވާއާ ގުޅިގެން ދައުރުގެ ރިޕޯޓު ނަގަން އަންގައިފި

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: ދިޔަރެސް

ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން، 'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފި އެވެ.

އަޒާން މި މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް މަހުގެ 28ގައި 'އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ.

އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ. އަދި މި މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެއިތުރުން އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުالله ނެރުއްވި އަމުރުގައިވަނީ، އަޒާން އެދިފައިވާ ގޮތަށް އަމުރު ނުނެރެފިނަމަ، މޫސާ ލިޔުއްވި އާޓިކަލް ގިނަ މީހުންނަށް ފެނި، އޭގެ ސަބަބުން އަޒާންގެ އަބުރަށް ލިބިފައިވާ ގެއްލުމަށްވުރެ އިތުރަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ އަޒާންގެ ހައްގެއް އޮތް ކަމަށް އެނގެން އޮންނަ ކަމަށާއި އަދި ލިޔުން ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއް ނެރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް އަމުރުގައިވެ އެވެ.

އެހެންވެ، އަމުރުގައި އަންގާފައިވަނީ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް ”ޑްރާފްޓް“ ސްޓޭޓަސް އަށް ބަދަލުކުރުމަށާއި އެ ލިޔުމަށް އާންމުންނަށް އެކްސެސް ނުވެވޭނެ ގޮތް ހެދުމަށެވެ.