ޔަޢުޤޫބު عليه السلام ގެ ލޯފުޅުގެ ފެނުން ގެއްލިވަޑައިގަތް ހާދިސާއިން ލިބޭ އެންމެ ވަރުގަދަ އެއް ފިލާވަޅަކީ، ހިތާމަކުރުމަކީ ފާފައެއް ނޫންކަމެވެ.
އެހެނީ، ޔޫސުފް عليه السلام ވަކިވެވަޑައިގަތުމުން ކުރެއްވި ފުން ހިތާމައެއްގެ ބޮޑުކަމުން، ޔަޢުޤޫބު عليه السلام ގެ ލޯފުޅު ހުދުވެގެން ދިޔަ އެވެ. އެހެން ނަމަވެސް، ﷲ تعالى ގެ މައްޗަށް އޮތް އިތުބާރެއް އެކަލޭގެފާނު ދޫކޮށެއް ނުލައްވައެވެ.
އެކަލޭގެފާނު ފުން ހިތާމައެއް އިހުސާސް ކުރެއްވިނަމަވެސް، މާޔޫސްކަމުގެ ތެރެއަށް ޣަރަޤުވެވަޑައި ނުގަންނަވައެވެ.
އިސްލާމް ދީން އަޅުގަނޑުމެނަށް ހިތާމަކުރުމާއި ރުއިން މަނައެއް ނުކުރެއެވެ. އެހެނީ، އަޅުގަނޑުމެންނަކީ އިންސާނުންނެވެ. ނަބީބޭކަލުންވެސް ކީރިތިކުރައްވައި ހިތާމަކުރެއްވި އެވެ. ނަމަވެސް ނަހީ ވެވިގެންވަނީ ހިތާމައިގެ ސަބަބުން الله تعالى އާމެދު ގޯސްކޮށް ހީކޮށް އެކަލާނގެ ރަޙްމަތުން އުންމީދު ކަނޑައިލުމެވެ.
ޔަޢުޤޫބު عليه السلام ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުގައި ގެންނަވާފައިވެއެވެ.
«قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ»
"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ."
[سورة يوسف : 86]
އެންމެ ފުން ހިތާމައިގައި ހުންނެވި ހާލުކޮޅުގައިވެސް، ﷲ ގެ ހަޟްރަތުން ހެޔޮ ގޮތަށް މެނުވީ އެކަލޭގެފާނު އުއްމީދު ނުކުރައްވަ އެވެ. އެހެނީ އެކަލޭގެފާނަށް ﷲ އާ މެދު އެނގިވަޑައިގަންނަވަނީ ހެޔޮ ގޮތެވެ.
އެހެންކަމުން، الله تعالى އިރާދަ ކުރައްވާ ގޮތަކާއި މެދުގައި ޝަކުވާ ކުރުމަކާ ނުލައި ހިތާމަ ކުރަން ދަސްކުރުމީ މުއުމިނަކަަށް ވަރަށް މުހިންމު ކަމެކެވެ.
އެހެނީ އޭރުން އެ ހިތާމަ ކިތަންމެ ދިގުލައި ދިޔަޔަސް އެމީހެއްގެ އީމާންތެރިކަން ދަށަށް ދިޔަ ނުދީ ހިފޭއްޓޭނެ އެވެ. އަދި އެކަލާނގެ ރަޙްމަތުން އުއްމީދު ކެނޑިގެންވެސް ނުދާނެ އެވެ. الله ތަޢާލާ އަޅުގަނޑުމެން އެންމެނަކީ ވެސް ހިތާމައިގެ ވަގުތުގައި ވެސް އެކަލާނގެ ރުހިވޮޑިގަތުންވާ ފަދަ ބަހެއް ނޫނީ ނުބުނާ ބަޔަކު ކަމުގައި ލައްވާށި. އާމީން
ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.