Last Updated: June 10, 20:48
Wednesday, June 10, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި ރައީސް ސަޕޯޓް ކުރައްވަނީ އާޖެންޓީނާ އަށް

މާދަމާ ރޭ ފަށާ ފީފާ ވޯލްޑް ކަޕްގައި ސަޕޯޓް ކުރައްވަނީ އާޖެންޓީނާ އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރާ ވޯލްޑް ކަޕްގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެން ފެށިގެން ވެސް އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށާއި އަދި އިންގްލެންޑަކީ ވެސް ވަރަށް ސަޕޯޓުކުރާ ޓީމެއް ކަމަށެވެ. އާޖެންޓީނާއަށް ތާއީދު ކުރަން ފެށުނީ އެޓީމުގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވި އެވެ.

"އާޖެންޓީނާ އަށް ނުލިބެންޏާ އިންގްލެންޑަށް ލިބުނީމަ ހުންނާނީ ރަނގަޅަށް،" ރައީސް ވިދާޅުވި އެވެ.

ވޯލްޑް ކަޕްގައި "ސަޕްރައިޒިން" ޓީމެއް ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތުން ނެދަލޭންޑްސް ފަދަ ޓީމަކުން ވެސް ވޯލްޑް ކަޕް ކާމިޔާބުކޮށްފާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ފްރާންސް ޓީމު ވެސް ވަރުގަދަކަން ރައީސް ފާހަގަކުރެއްވި އެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދާ މުބާރާތުގައި 48 ގައުމަކުން ވާދަކުރެ އެވެ. މުބާރާތް މި އަހަރު ބާއްވަނީ ތިން ގައުމެއްގައި މެޗްތައް ކުޅޭ ގޮތަށެވެ. އެއީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ އެވެ. މެޗްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ގައުމުގެ 16 ސިޓީއެއްގަ އެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ.

ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ. މި މެޗު ފަށާނީ މާދަމާ ރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.