އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޭނާއާ ދެކޮޅަށް ތިބި މީހުން ވެސް ބާކީ ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް އޭނާގެ "އިތުބާރު" ކެމްޕޭން ނިންމާލުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ މި އިންތިހާބުގައި އެކަނިވެސް 2023 އިޔާދަވެދާނެ ފަދަ ވާހަކަތައް ބައެއް ބޭފުޅުން ދައްކަވާތީ ހިތާމަކުރައްވާ ކަމަށާއި އެގޮތުން ވަކި ބަޔަކު ފަހަތު ސަފުގައި ތިބެންޖެހޭނެ ކަމަށް ބުނާ ސިޔާސަތަކީ އެމްޑީޕީ ވަންތަ ސިޔާސަތެއް ނޫން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަންކަމެއްގައި އަޅުގަނޑާއެކު ތިބޭފުޅުން ތިއްބެވިޔަސް އަޅުގަނޑާއެކު ނުތިއްބެވިޔަސް އެންމެ ކުރީ ސަފުގައި އެކުއެކީ ތިބޭފުޅުންނަށް ޖާގަ ކަށަވަރު ކޮށްދޭނަން،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް މިހެން ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބުގައި ދެން ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކުގައި ނުތިއްބަވާ ބޭފުޅުން، އެމަނިކުފާނުގެ ޗެއާޕާސަންކަމުގައި ތިއްބަވަން ޖެހޭނީ ދުރުގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ކުރެއްވި މެސެޖަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މީގެއިތުރުން މީކާއިލް ވަނީ އޭނާގެ ޗެއާޕާސަން ކަމެއްގައި ޒުވާނުންނަށް ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.