އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅުވައިގެން، ސަންގު ޓީވީން ރޭ ގެނެސްދިން "ހެލޯ އަންނި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކީ ކުރިމައްޗަށް ފެންނަން ހުރި ކެންޑިޑޭޓް ނޫން ކަމަށާއި މި އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަނީ ޕީއެންސީއާ ކަމަށެވެ.
"އަސްލު ވާދަކުރަނީ ޕީއެންސީ. ދެން ތިބޭފުޅުން (އެމްޑީޕީގެ އާންމު މެމްބަރުން) ނިންމާ ކޮން ކޮޅަކަށްތޯ ވޯޓު ދެއްވަން ބޭނުންވަނީ. އެމްޑީޕީއަށްތޯ ޕީއެންސީއަށްތޯ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބު އެމަނިކުފާނަށް ގެއްލުވާލަން ޕީއެންސީން މަސައްކަތް ކުރާ މިންވަރަށް ޗެއާޕާސަން އިންތިހާބުގައި ދެން ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގާތްވެސް ނުކުރާ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު އަދި ޕީއެންސީން އެކަން ކުރަން އުޅޭ މިންވަރު މާބޮޑު ކަމަށާއި އެހެންކަމުން، އެމަނިކުފާނު މޮޅުވުމުން މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ ރައީސް މުއިއްޒު ކަަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ،. އެއްގޮތަކަށްވެސް ބޭރަށް ނުކުމެ އުޅުއްވައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ 100 ޕަސެންޓު ޔަގީންކަން އޮތްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގައި އުޅުއްވަނީ އެއްވެސް ގޮތަކަށް ތަން ދޮރު ނޭނގޭ މީހުން ނޫން ކަމަށާއި ރާއްޖޭގައި ސިޔާސީ ވިސްނުމެއް ވިސްނާ ބަޔަކު އުޅޭ ކަމަށްވާނަމަ ތިބީ އެމްޑީޕީގައި ކަމަށެވެ.