Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުމަކީ ހިތާމަކުރާ ކަމެއް ނޫން

ފީފާ ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުމަކީ ހިތާމަކުރާ ކަމެއް ނޫން ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ޓީމުތަކުގެ އޮފިޝަލުންނާއި މުބާރާތުގައި ވާދަކުރާ ގައުމުތަކަށް ނިސްބަތްވާ ރައްޔިތުން އަދި ރެފްރީއަކަށް އެމެރިކާއަށް އެތެރެވާން ފުރުސަތު ނުދިން މައްސަލައިގައި އެގައުމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ވޯލްޑް ކަޕް މިރޭ ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގައި މުބާރާތް ބޭއްވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އިންފަންޓީނޯ ވިދާޅުވީ އެ ނިންމުމާ މެދު އެއްވެސް ވަރަކަށް ހިތާމަނުކުރައްވާ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމާއި އެކަމާމެދު އުފާކުރާ ކަމަށެވެ.

"ޓްރަމްޕްގެ ބައިވެރިވުމާއި އެއްބާރުލުން ނެތް ނަމަ، އެމެރިކާގައި ވޯލްޑް ކަޕެއް އިންތިޒާމު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން." އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ރައީސް ވިދާޅުވީ، ވޯލްޑް ކަޕްގެ ބޮޑުމިނާއި އޭގެ ސަބަބުން ކުރާނެ އަސަރު ޓްރަމްޕަށް ވަގުތުން ވިސްނިވަޑައިގަތް ކަމަށާއި، އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދެއްވި ކަމަށެވެ.

"މުހިންމު ކަންކަމުގައި ރައީސާއި އޭނާގެ ސަރުކާރާ އެކު މަޝްވަރާކޮށް، އެއްވެސް ކަމަކަށް އެދުމެއް ނެތި ހުރިހާ ކަމެއް ހާމަކޮށް ވާހަކަ ދެއްކުމަކީ، އޮތް ގާތް ގުޅުމުގެ އަސްލު ކަމަށް ވެދާނެ،" ޓްރަމްޕާއި ގުޅޭގޮތުން އިންފަންޓީނޯ ވިދާޅުވި އެވެ.

މުބާރާތް މި އަހަރު ބާއްވަނީ ތިން ގައުމެއްގައި މެޗްތައް ކުޅޭ ގޮތަށެވެ. އެއީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ އެވެ. މެޗްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ގައުމުގެ 16 ސިޓީއެއްގަ އެވެ.

ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.