Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ނަޝީދު އެދެނީ ވޯލްޑް ކަޕްގައި ގާނާއަށް ސަޕޯޓްކޮށް ދޭން

ފީފާ ވޯލްޑް ކަޕްގައި މިފަހަރު ގާނާއަށް ދިވެހިން ސަޕޯޓުކޮށްދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅުވައިގެން، ސަންގު ޓީވީން ރޭ ގެނެސްދިން "ހެލޯ އަންނި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދެ އަހަރެއްހާ ދުވަހު ގާނާގައި ދިރިއުޅުއްވި ނަޝީދު ވިދާޅުވީ ވޯލްޑް ކަޕްގައި އަބަދުވެސް ސަޕޯޓުކުރަނީ އިންގްލެންޑަށް ކަމަށާއި ނަމަވެސް މިފަހަރު ގާނާ ޓީމަށް ވަރަށް ބޮޑު ތާއީދެއް ކުރަންޖެހޭ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގާނާއިން އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއް ބައްލަވަން ވަޑައިގެންނެވި ކަމަށާއި އެހެންކަމުން މިފަހަރު އިންގްލެންޑް ދޫކޮށްލަން ޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ އަޑުއައްސަވާ ބޭފުޅުން ވެސް މިފަހަރު ގާނާއަށް ތާއީދުކޮށްދެއްވުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވޯލްޑް ކަޕްގައި ކޮންމެ މީހެއްގެ ވެސް ފެވަރިޓް ޓީމެއް އޮންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން ޔޫރަޕްގެ ޓީމުތަކަށް ވުރެ ބޮޑަށް ދިވެހިންގެ ތާއީދު އޮންނަނީ ދެކުނު އެމެރިކާގެ ޓީމުތަކަށް ކަމަށެވެ. އެފްރިކާގެ ޓީމުތައް ވެސް ގަދަ ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތުގައި ގާނާ ރަނގަޅު ކުރާނެހެން ހީވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވޯލްޑް ކަޕްގައި ގާނާ އާއި އިންގްލެންޑް ލައްވާލާފައިވަނީ އެއް ގްރޫޕަކަށްކަން ފާހަގަކޮށްލެވެ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝީއާ އާއި ޕެނަމާ އެވެ.