ފުލުހުން ރޭ އއ. ހިމަންދޫގައި ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ޕޮލިސް ލޯންޗަކުން ގެއްލުނު ފުލުހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ނިޔާވީ ހއ. އުލިގަމަށް ނިސްބަތްވާ އަހުމަދު އާސިފް، 33، އެވެ.
އޭނަ އަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
ފުލުހުން މިއަދު ބުނީ ދަންވަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ އަދި މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނަ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަަށާއި ހޯދުމުގެ މަސައްކަތުގެ ތެރެއިން ފުލުސް މީހާ ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ބުންޏެވެ.
އާސިފްގެ ހަށިގަނޑު ފެނުމުން ގެންދިޔައީ އއ. މަތިވެރީ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގެންދިޔައިރު ވެސް އޭނަ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާސިފްގެ އާއިލާ އާއި ރޭގެ އޮޕަރޭޝަނުގައި އޭނާއާއެކު މަސައްކަތް ކުރި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.