ރާއްޖޭގެ ވަރަށް ގިނަ ބައެެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަރަށް ޒުވާން ބޭފުޅެއް ކަމަށްވާ މީކާއީލް ނަސީމެވެ. މީކާއިލަކީ ރައްޔިތުންގެ މަޖިލީހުގެ ގޮލޮޅު ދެކުނު ދާއިރާގެ މެންބަރެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހުޅުވައިލުމުންން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ނަޝީދާއި މީކާއީލްގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު) އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވާޑު ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި މީކާއީލް ތާއީދު ކުރައްވައިފަ އެވެ.
ޗެެއާޕާސަން އިންތިހާބަށް ނަޝީދާއި މީކާއީލް މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކުރައްވައި ވަރަށް ފޯރި ގަދަ ކެމްޕޭނެއް ހިންގަވާފައިވެ އެވެ. އެގޮތުން މީކާއީލްގެ ކެމްޕޭން ރޭ ވަނީ މާލޭގައި ބޮޑު ޖަލްސާ އިން ނިންމާލައިފަ އެވެ.
ނަޝީދު ވެސް މިއަދު ކެމްޕޭން ނިންމަވައިލައްވާ އިރު، މިރޭ މާލޭގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.
އެމްޑީޕީގެ ލީޑަޝިޕަށް ޒުވާން އާ ބޭފުޅަކު ގެންނަން ޖެހޭކަމުގެ އަޑުތައް އެމްޑީޕީގެ ތެރޭގައި ވަރަށް ގަދަައަށް ދެކެވެމުން ދަނިކޮށް ކުރިން ވެސް އެ ޕާޓީގެ ޗެއާޕާސަންކަމާއި ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ޗެއާޕާސަން މަގާމަށް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ޕާޓީ މިހާރު އޮތީ ދެ ބަޔަކަށް ބެހިފަ އެވެ.
އެގޮތުން މީކާއީލް 'އިތުބާރު' ގެ ނަމުގައި ކެމްޕޭން ކުރިއަށް ގެންދެވި އިރު، އޭނަގެ ފަޅީގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނަޝީދުގެ ކެމްޕޭން 'ބޮޑު ބަދަލު' ގެ ނަމުގައި ކުރިއަށް ގެންދަވާ އިރު، އެ ފަޅީގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.
ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަލުން ވާދަ މި ކުރައްވަނީ 2023 ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ސޯލިހާ ވާދަކުރައްވައި ޓިކެޓް ލިބިވަޑައިނުގަތުމުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ވެސް ހައްދަވައިގެން މަސައްކަތް ކުރެއްވުމަށް ފަހު އެވެ.
ނަމަވެސް އެ ޕާޓީ ދޫކޮށްލައްވައި އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ގަ އެވެ. ދާދި ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ޑިމޮކްރެޓްސްގައި މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލައިފަ އެވެ.
ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން ފަށަން ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހު 2:00 ގަ އެވެ. އަދި ވޯޓްލުން ކުރިއަށް ދާނީ ރޭގަނޑު 8:00 އާ ހަމައަށެވެ.