Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

ޕްރިތީގެ ގަހަނާ ބްރޭންޑެއް ލޯންޗްކޮށްފި

އިންޑިއާގެ ބަތަލާ ޕްރިތީ ޒިންތާ އަމިއްލަ ގަހަނާ ބްރޭންޑެއް ލޯންޗްކޮށްފި އެވެ.

މުމްބާއީގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި ލޯންޗްކުރި އޭނަގެ ގަހަނާ ބްރޭންޑްގެ ނަމަކީ 'ޖަކާޓީ ފައިން ޖުވެލަރީ' އެވެ. މި ބްރޭންޑް ލޯންޗްކުރީ ގަހަނާތައް ވިއްކަން ހުޅުވި ހިތްގައިމު އައުޓްލެޓަކާ ވެސް އެކީގަ އެވެ.

ބޮލީވުޑްގައި 2000 ގެ ކުރީކޮޅު އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިތީގެ ގަހަނާ ބްރޭންޑަކީ އޭނަގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާ ސަމާރާ ޕަންޖާބީ އާއި ޕްރިިޔަވްރާތާ މަފަތުލާލްއާ ގުޅިގެން ލޯންޗްކުރި ބްރޭންޑެކެވެ.

މި ބްރޭންޑާ ބެހޭ ގޮތުން ޕްރިިތީ ބުނީ މިއީ ގަހަނާ އަށް އޭނަގެ ހިތުގައި އޮންނަ ލޯތްބާއި އިންޑިއާވަންތަ ގަހަނާތަކަށް އޮންނަ ޝައުގުވެރިކަމާ އެކު ވުޖޫދަށް ގެނައި ބްރޭންޑެއް ކަމަށެވެ. އެގޮތުން 'ޖަކާޓީ ފައިން ޖްވެލާސް' ގެ އުފެއްދުންތަކަކީ 20 ކެރަޓް ރަނާއި ގުދުރަތީ އަލިމަސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އުފެއްދުންތައް ބުންޏެވެ. ޖަކާޓީ ބްރޭންޑްގެ ކޮންމެ އުފެއްދުމަކީ ވެސް، ހުރިހާ ހަފުލާތަކާއި މުނާސަބުތަކަކާ ވެސް ގުޅޭ ގޮތަށް ޑިޒައިންކޮށްފައިވާ އުފެއްދުންތަކެއް ކަމަށް ވެސް ޕްރިތީ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިތީ ގަހަނާ ބްރޭންޑެއް ލޯންޗްކުރި އިރު، އެކްޓިންއާ ދުރުގައި ހުންނަތާ ވަރަށް ގިނަ ދުވަސް ފަހުން އޭނަގެ ދެ ފިލްމެއް މި އަހަރު ގެނެސްދޭން އޮތީ ތާވަލުކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އޮގަސްޓް 14 ގައި ގެނެސްދޭ ސަނީ ޑިއޯލްގެ 'ބަޓްވާރާ 1947' އެވެ.

އަނެއް ފިލްމަކީ ސެޕްޓެމްބަރު 18 ގައި ގެނެސްދޭން ނިންމާފައިވާ އެކްޓަރު/ޑައިރެކްޓަރު ކުނާލް ކޭމޫގެ 'ވައިބް' އެވެ.

ޕްރިތީ އަލުން ފިލްމީ މަަސައްކަތަށް ނުކުތް އިރު، އޭނަ މިހާރު އާންމުކޮށް ދިރިއުޅެނީ އެމެެރިކާގެ ފިރިމީހާ ޖީން ގުޑްއިނަފްއާ އެކު އެ ގައުމުގަ އެވެ. އެ ދެ މީހުންގެ އެއްމާބަނޑު ދެ ކުދިން ވެސް ތިބެ އެވެ.

މި ފަހުން އަމިއްލަ ގަހަނާ ބްރޭންޑެއް ލޯންޗްކުރި އެއް ބަތަލާ އަކީ ތަމަންނާ ބާޓިއާ އެވެ.