Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

އެމްއެންޔޫގެ މަލްޓި-ޕާޕަސް އިމާރާތުގެ ބިންގާ އަޅައިފި

ޤައުމީ ޔުނިވަސިޓީ، އެމްއެންޔޫގެ މަލްޓި ޕާޕަސް އިމާރާތުގެ ބިންގާ އަންގާރަ ދުވަހު އަޅައިފި އެވެ.

މިކަމަށްޓަކައި ބޭއްވިރަސްމިއްޔާތުގައިބިންގާ ރަސްމީކޮށް އަޅުއްވައި ދެއްވީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީ އާއި ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މަލްޓިޕާޕަސް އިމާރާތަކީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޢިލްމު ފެތުރުމަށާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެ ޢިމާރާތް ޑިޒައިންކޮށްފައި ވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ފުރިހަމައަށް ލިބޭނެ ގޮތަށެވެ. އެގޮތުން، ކެންޓީނާއި، ރެސްޓޯރެންޓެއްގެ އިތުރުން ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކާއި، ސެމިނާ ރޫމްތަކުގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް އިމާރާތުގައި ހިމެނެ އެވެ.

މީގެ އިތުރުން، ސެންޓަ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް' އަށް ބޭނުންވާ ޚާއްޞަ ޖާގައާ އި، ދިރާސާ ކުރުމަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި އެކަށީގެންވާ މާޙައުލެއް ވެސް އެތަނުގައި އެކުލެވޭނެ އެވެ.

ވަކިން ޚާއްޞަކޮށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް މިއިމާރާތުގެ ސަބަބުން ލުއި ލިބޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން މިއިމާރާތުގައި އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮފީސްތަކާއި ޕާކިންގގެ ޚިދުމަތްވެސް ހުންނާނެއެވެ.

އެންއެންޔޫ އިން ބުނީ މިއީ ނިސްބަތުން ބޮޑު މަޝްރޫޢަކަށްވާތީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަމަށެވެ.