Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

އާސިފްގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

ޑިއުޓީ ތެރޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގައި ފުލުހުންގެ ލޯންޗަކުން މޫދަށް ވެއްޓި، ގެއްލި ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު ފުލުސް މީހާގެ އާއިލާ އަށް ރައީސް ޑރ. މުހައްމަދު ތައުޒިޔާ ފޮނުއްވައިފި އެވެ.

އއ. ހިމަންދޫގައި ފުލުހުން ކުރިއަށް ރޭ ދަންވަރު ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މޫދަށް ވެއްޓި ނިޔާވީ ހއ. އުލިގަމަށް ނިސްބަތްވާ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ.

އޭނަ ނިޔާވުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތް ކުރަނިކޮށް، ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާ އެކު ކަމަށް ވިދާޅުވި އެވެ.

އަދި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލަހައްޓަވާށި." ރައީސް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ އާސިފް މޫދަށް ވެއްޓުނީ ރޭ ދަންވަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" އިން ކަމަށެވެ. އަދި މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނަ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަަށާއި ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނަ ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ބުންޏެވެ.

އާސިފްގެ ހަށިގަނޑު ފެނުމުން ގެންދިޔައީ އއ. މަތިވެރީ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގެންދިޔައިރު ވެސް އޭނަ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.