މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މީކާއިލް އަޙްމަދު ނަސީމް ވާދަކުރައްވާ ރޭސް މިހާރު ފެންނަނީ ނުހަނު ވާދަވެރިކޮށެވެ.
މިހާރުގެ ސިޔާސީ މަސްރަޙަށް ބަލާއިރު ރައީސް ނަޝީދަކީ އަދިވެސް އެމްޑީޕީގެ މެމްބަރުންނާއި ޤައުމީ ފެންވަރުގައި ބަލައިގަންނަ، ޖަޒުބާތީ ގޮތުން މެންބަރުންނާ ގުޅިފައިވާ، އަދި ތާރީޚީ ގޮތުން އަދިވެސް ޕާޓީގައި އެންމެ ނުފޫޒު ގަދަ ލީޑަރެވެ.

އަނެއްކޮޅުން ޕާޓީގެ މިހާރުގެ އޮނިގަނޑުގައި ހިމެނޭ މުހިންމު ފަރާތްތަކުގެ ބޮޑު ތާއީދެއް މީކާއިލަށް ދަނީ ލިބެމުންނެވެ. މީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ ފަރާތްތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ޕާޓީގެ އިދާރީ ހިންގުމުގައި ތިބި ފަރާތްތައް ހިމެނެއެވެ.
މި އިންތިޚާބުގެ ނަތީޖާ ބިނާވެފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ޕާޓީގެ އަސާސީ މެންބަރުން ނުވަތަ "ގްރާސްރޫޓް" ގައި ތިބި ރައީސް ނަޝީދުގެ ވަފާތެރި ސަޕޯޓަރުން ފޯރިއާއެކު ނުކުމެ ވޯޓުލުމެވެ. މިހެން ވެއްޖެނަމަ، އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް ބޮޑެވެ.
އަނެއްކޮޅުން، ކެމްޕޭނުގެ މަސައްކަތްތައް ޕާޓީގެ އިދާރީ އޮނިގަނޑާއި ހިންގުމުގެ ނިޒާމުގެ ތެރެއިން ޕުލޭންކުރެވިގެން ބާރުމިނުގައި ކުރިއަށްދާނަމަ، އޭގެ ސިޔާސީ ފައިދާ މީކާއިލް އަށް ވަރަށް ބޮޑުވާނެއެވެ.
ސިޔާސީ މުރާސިލުން މި މަންޒަރު ދެކޭ ގޮތުގައި ރައީސް ނަޝީދަކީ މެންބަރުންގެ ލޯތްބާއި ޖަޒުބާތާ ގުޅިފައިވާ، "ކަރިޒްމެޓިކް" ހަރަކާތެއްގެ ރަމްޒެވެ. މީކާއިލަކީ ޕާޓީގެ އިދާރީ ނިޒާމާއި އިންސްޓިޓިއުޝަނަލް އޮނިގަނޑުގެ ތާއީދު އޮތް ކެންޑިޑޭޓެވެ.
"ދަ ޑިމޮކްރެޓްސް" އަށް ފަހު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ޕާޓީގެ އިޞްލާޙާއި ކުރިމަގު ރަނގަޅުވުމަށް އެދޭ ގިނަ ބަޔަކަށް ލިބުނު އާ ހިތްވަރެކެވެ. އެހެންނަމަވެސް، މާޒީގައި ހިނގާފައިވާ އެތެރޭގެ ބައިބައިވުންތަކުގެ ސަބަބުން ބައެއް މެންބަރުން އަދިވެސް ތިބީ ފަރުވާތެރިކަމާއެކު މަސްރަޙު ބަލާށެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ވޯޓުލުމުގައި މެމްބަރުން ބޮޑަށް އިސްކަންދޭނީ ހަމައެކަނި މަޤުބޫލުކަމާއި ޖަޒުބާތީ ގުޅުމަށް ކަމަށްވާނަމަ، ކުރިލިބޭނީ ރައީސް ނަޝީދަށެވެ. އެކަމަކު، މި އިންތިޚާބުގެ ވޯޓް ނިންމުމުގައި ޕާޓީގެ އެތެރޭގެ ނެޓްވޯކްތަކާއި، މިހާރުގެ ލީޑަޝިޕްގެ ނުފޫޒު ގަދަވެއްޖެ ނަމަ، މީކާއިލްގެ ފަރާތުން ހައިރާންކުރުވަނިވި ނަތީޖާއެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮންމެއަކަސް، މި އިންތިޚާބު މިހާރު މިވަނީ ރިޔާސީ އިންތިޚާބަކާ އެއްވަރަށް ފޯރި ގަދަވެފައެވެ. އެމްޑީޕީ ހަމަ މޮޅީއެވެ. ކެތްމަދުވެފައި އަޅުގަނޑުމެން މިތިބީ އިންތިޚާބުގެ ނަތީޖާގެ އިންތިޒާރުގައެވެ