Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މޫދު އަޑިން ފުލުސް އޮފިސަރު ނެގި ޑައިވަރުންނަށް ސީޕީގެ ޝުކުރު

ޑިއުޓީގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

މި އޮޕަރޭޝަނުގައި އެހީތެރިވެފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ޑައިވަރުންނަކީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރަން ކުރެވުނު މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ ބޭފުޅުންނެވެ.

މިނިސްޓަރާއި ކޮމިޝަނަރ މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.